ދިހަ އަހަރަށް ފަހު ޑޯޓްމަންޑުން ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކާއި ގާތަށް

IMG_6690

ޖަރުމަނު ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި އޯސްބާގް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކަށް ގާތަށް ޑޯޓްމަންޑް ޖެހިލައިފިއެވެ. ރޭ އޯސްބާގްގެ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

ފާއިތުވި ދިހަ ސީޒަންގައި ޖަރުމަނު ލީގު ކާމިޔާބުކުރި ބަޔާން މިއުނިކް ހޮނިހިރު ދުވަހުގެ ރޭ ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއިން ލައިޕްޒިގް އަތުން ބަލިވެފައެވެ. ނަމަވެސް ރޭ މެޗުން ޑޯޓްމަންޑް މޮޅުވުމުން ތާވަލުގެ އެއްވަނަ ދަމަހައްޓަމުން އައި ބަޔާން ވަނީ ދެވަނައަށް ވެއްޓިފައެވެ.

ލީގުގައި ބަޔާންއަށް ވެސް އަދި ޑޯޓްމަންޑަށް ވެސް ބާކީ އެއް މެޗު އޮތްއިރު، މިވަގުތު ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ ޑޯޓްމަންޑެވެ. ޑޯޓްމަންޑަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ބަޔާން އޮތީ 33 މެޗުން ލިބުނު 68 ޕޮއިންޓާއި އެކުގައެވެ.

ޖަރުމަނު ލީގުގައި ވާދަކުރަނީ 18 ޓީމުކަމަށް ވުމުން، ލީގުގައި ކޮންމެ ޓީމެއް ވެސް ކުޅެން ޖެހޭނީ 34 މެޗެވެ. ލީގުގެ ފަހު މެޗުގައި ޑޯޓްމަންޑް އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި މައިންޒް އާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު މިހާރު ޑޯޓްމަންޑްގެ އަތުގައި އެބައޮތެވެ. ޑޯޓްމަންޑް އެ މެޗުން ބަލިވެ ހަމަ އެ ރޭ ބަޔާން ރަށުން ބޭރުގައި ކޮލްން އާއި ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބޭނީ ބަޔާން އަށެވެ.

ރޭ މެޗުގައި ސެބާސްޓިއަން ހާލާ ވަނީ ޑޯޓްމަންޑަށް ދެ ލަނޑު ޖަހައިދީފައެވެ. ޑޯޓްމަންޑްގެ ތިންވަނަ ލަނޑު ޖަހައިދިނީ ބްރަންޓްޑް އެވެ. މިރޭ މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އޯސްބާގްގެ ފެލިކްސް އަށް ރަތްކާޑް ދެއްކުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ޑޯޓްމަންޑް އަތުން ބަލިވި އޯސްބާގް މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 33 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ.

ޑޯޓްމަންޑަށް އެންމެ ފަހުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދިފައި ވަނީ 2011-12 ސީޒަންގައެވެ. އޭގެ ފަހުން ފާއިތުވި ދިހަ ސީޒަންގައި ވެސް ޖަރުމަނު ލީގު ކާމިޔާބު ކޮށްފައި ވަނީ ބަޔާނުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *