އުމުރުން 12 އަހަރުގެ ޒާން ޒަބީރުއަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ތަހަންމަލް ކުރަމުންދާ ކުއްޖެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ.
މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުނޑިއަށް އަސަރުކުރެއެވެ. ވުމާއެކު ކުއްޖާގެ ވާހަކަ ދެއްކުމުގެ ބާރަށާއި އެހެން މީހުންނާއި އޮންނަ ގުޅުމުގެ ބާރަށް ހުރަސްއެޅެއެވެ.
ޒާންގެ މަންމަ އައިމިނަތު އިހުސާނާ ބުނީ، ޒާން ކުޑައިރު ވެސް އެހެން ކުދިންނާއި ތަފާތުތަކެއް ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް އޭރު އެއީ އޯޓިޒަމްގެ އަލާމާތްތަކެއް ކަމެއް ނޭނގޭ ކަމަށެވެ.
ޒާންގެ އުމުރުން 9 އަހަރުގައި 2019 ވަނަ އަހަރު މުމްބާއީގައި ހުންނަ ސަރޖިކަލު އެންޑު ނިއުރޯޖަން ހޮސްޕިޓަލުން އެންމެ ފުރަތަމަ ސްޓެމްސެލް ޓްރީޓްމެންޓް ހެދުމުން ދަރިފުޅުގެ އުޅުމަށާއި މިޒާޖަށް ކުރިއެރުންތަކެއް ލިބިފައިވާކަން އިހުސާނާ ފާހަގަކުރިއެވެ. އަދި ދެވަނަ ޓްރީޓްމެންޓެއް 2022 ވަނަ އަހަރު ޔޫކްރެއިންގެ ސެލް ތެރަޕީ ސެެންޓަރ އެމްސެލް ގައި ދީފައިވާ ކަމަށް ވެސް ބުންޏެވެ.
މި ތެރަޕީ ހެދުމަށް 18,000 ޑޮލަރު ޚަރަދު ކުރެވިފައިވާ ކަމަށާއި މިއިން ކޮންމެ ފަހަރަކު ވެސް ފަރުވާ ހޯދިފައިވަނީ ދީލަތި ފަރާތްތަކުގެ ވަރަށްބޮޑު އެހީތެރިކަމާއި އެކުގައިކަން ޝުކުރުވެރިކަމާއެކު އިހުސާނާ ފާހަގަކުރިއެވެ.
"މައިންބަފައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ދެކެން ބޭނުންވަނީ ޒާން މިނިވަންކަމާ ބާރުވެެރިކަމާ އަބުރުވެރިއެކު ބޮޑުވާތަން. އެކަށީގެންވާ ތައުލީމު ލިބުމާއި މުޖުތަމައު އިން ބަލައިގަތުމަކީ ޒާން ފަދަ ކުދިންނަށް ގިރާކުރަން ޖެހިފައިވާ ހުރަސްތަކެއް." އިހުސާނާ ބުންޏެވެ.
ޒާން ގެ 3 ވަނަ ތެރަޕީ ހެދުމަށް މިއަހަރު ޖޫން މަހު މުމްބާއީގައި ހުންނަ ސަރޖިކަލު އެންޑު ނިއުރޯޖަން ހޮސްޕިޓަލަށް ދިއުމަށް ވަނީ ނިންމާފައެވެ. ދަރިފުޅުގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެެއްވެސް ވުމުގެ ގޮތުންނެވެ. އެހެންނަމަވެސް ދިމާވާ އެންމެބޮޑު ހުރަހަކީ މާލީ އެހީތެރިކަމެވެ.
އެގޮތުން މިފަހަރުގެ ފަރުވާއަށް 9،000 ޑޮލަރު (138،780 ދިވެހި ރުފިޔާ) ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސްޓެމް ސެލް ތެރަޕީއެއް ދީގެން ދިރިއުޅުމުގައި ކުރިއެރުމާއި މިނިވަން ދިރިއުޅުމެއް އުޅުމަށް ޒާންއަށް އިތުރު ފުރުސަތުތަކެއް ލިބިދާނެކަމަށް އާއިލާއިން ގަބޫލުކުރެއެވެ. އަދި އެކަން އެގޮތަށް ވެފައި ވެސް އެބަހުއްޓެވެ. އެކަމަކު އެކަން އެގޮތަށް ވާން އަންނަނީ ކުރިން ވެސް ލިބުނުގޮތަށް އެކިފަރާތްތަކުގެ ދީލަތި އެހީތެރިކަން ލިބިގެންނެވެ.
އެގޮތުން މި ޓްރީޓްމެންޓްގެ ޒަރިއްޔާއިން، މުއާމަލާތްކުރުމާއި ވާހަކަދެއްކުމާއި އަމިއްލަ ނަފްސަށް އަޅާލުމާއި ހޭލުންތެރިވުމަށް އެހީތެރުވެދޭނެއެވެ. އަދި ކަންކަމަށް ސަމާލުކަން ދިނުމާއި އުނގެނުން އަދި ތަފާތު ބާވަތްތަކުގެ ކާއެއްޗެހި ކެއުން ފަދަ ދާއިރާތަކުން ކުދިންނަށް އެހީތެރިވެދެއެވެ.
އެހެންކަމުން ޒާން ގެ އާއިލާއިން އެދެނީ އެންމެހައި ފަރާތްތަކުގެ ދީލަތި އެެހީއަށެވެ.
"ތިބޭފުޅުންގެ ލޯތްބާއި އެއްބާރުލުމާއި އެކު، ޒާންގެ 3 ވަނަ ތެރަޕީއަށް ބޭނުންވާ 9000ޑޮލަރު، މި ކުރުމުއްދަތުގެ ތެރޭގައި ލިބި ފަރުވާ އަށް ދެވިއްޖެނަމަ، މިކަމުން ﷲ ގެ އިރާދަފުޅުން ޒާންއަށް އެކަށިގެންވާ ކުރިއެރުންތަކެއް ލިބި އުފާވެރި މުސްތަޤުބަލެއް ލިބިންގެންދިއުމުގެ އުއްމީދު ވަރަށްބޮޑެވެ." ޒާން ގެ އާއިލާ އިން ބުންޏެވެ.
ހުރިހައި ފަރާތްތަކުން ވެސް މި މައުސޫމު ކުއްޖާގެ މިދަތުރުގައި އެހީތެރިވެދޭނެކަމަށް އުއްމީދުކުރާ ކަމަށާއި އާއިލާއިން ކުރާ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އާއިލާ އިން ވަަރަށްބޮޑު އެދެއެެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއިއެކު ބަލައިވެސް ގަނެއެވެ.
އައިމިނަތު އިޙްސާނާ (mamma)
ރުފިޔާ އެކައުންޓް ނަމްބަރ: 7770000025637
ޑޮލަރު އެކައުންޓް ނަމްބަރ: 7770000023486