މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ އަށް ދަތުރު ކުރާ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފިއެވެ.
މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރަންދޫ އަދި ކުމުންދޫގެ އިތުރުން ވައިކަރަދޫ އިން ކުޅުދުއްފުއްޓަށް ކުރި މި ދަތުރުތައް ފަށާފައި ވަނީ މިއަހަރުގެ އޮގަސްޓުމަހުގެ 4 ވަނަ ދުވަހުއެވެ.
ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް އަބްދުއްލަތީފް ހަސަން އަށް، އެޑްރެސްކުރައްވާ 28 ނޮވެމްބަރ ގައި އެމްޓީސީސީއިން ފޮނުވާފައިވާ ސިޓީއެއް ވަނީ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ފޭސްބުކްއަށް ޕޯސްޓް ކޮށްފައެވެ.
މިސިޓީގައި ބުނެފައިވަނީ މިކުންފުނީގެ ފަރާތުން ހދ.ކުޅުދުއްފުށި، ވައިކަރަދޫ، ނޭކުރަންދޫ އަދި މަކުނުދޫ އާއި ދެމެދު ކުރަމުންދާ ފެރީގެ ޙިދުމަތުން ވާ ގެއްލުން އިތުރުވަމުންދާތީ، މިޙިދުމަތް 2019 ޑިސެމްބަރ 01 ން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށް ނިމާފައިވާކަމަށެވެ.
މިސިޓީގައި އިތުރަށް ބުނެފައިވަނީ މިޚިދުމަތަކީ އެމްޓީސީސީ ގެ ފަރާތުން ހދ. އަތޮޅު ރައްޔިތުންގެ އެދިލެއްވުޅުގެ މަތީން ފެއްޓި ޚިދުމަތެއް ކަމަށާސި އަދި މިޚިދުމަތަކީ އިތުރަށް ކުރިއަށް ގެންދިއުމުގައި ދެމެހެއްޓެނިވި ގޮތުގައި ވިޔަފާރި އުސޫލުން ދެކޮޅު ޖެހޭނެ ކަމަކަށް ނުވާތީ، މިޚިދުމަތް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަ ޖެއްސުމުގެ މަސައްކަތް މިކުންފުނީގެ ފަރާތުން ކުރަމުންދާ ވާހަކަ ދަންނަވާކަމަށެވެ.
މީގެ އިތުރުން އެމްޓީސީސީ އިން މިސިޓީގައި ބުނެފައިވަނީ އަލުން މިޙިދުމަތްފަށާނެ ދުވަހެއް ކަނޑައެޅުންހާ އަވަހަކަށް އެކަން އަންގާނެ ކަމަށާއި މިކަމު ގެ ސަބަބުން މިދެންނެވުނު ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ހދ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޓީސީސީ އިން މި ފެރީ ދަތުރު ކޮށްފައިވަނީ އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު އެވެ. މި ރޫޓްގެ ދަތުރުތަކުގެ އަގު އުޅެނީ 250ރ-75ރ އާ ދެމެދުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!