ހދ. ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކުވައިދޭ ވީޑިއޯ އާއެކު އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށެވެ.
ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫއިން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށާއި ދުނިޔޭގެ އެކި ޤައުމުތަކުން ފްލައިޓްތައް އައިސް ތިލަދުންމަތީގެ ގެސްޓްހައުސްތައް ފުރާލާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށް ވެސް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާ ހަވާލުކޮށްގެން، ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުންނެވެ.
ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫއިން ފުރައިގެން ސީދާ ދުބާއީ، މުންބާއީ،ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި. ދުނިޔޭގެ އެކި ޤައުމުތަކުން ފްލައިޓްތައް އައިސް ތިލަދުންމަތީގެ ގެސްޓްހައުސްތައް ފުރާލާ ދުވަސް އޮތީ ދާދި ގާތުގައި https://t.co/iHT7p7gsTY
— Mohamed Iaad Hameed (@iaadMV) May 16, 2023
މި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހެދުމަށް ވަނީ ނިންމާފައެވެ.
އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް މި އެއާޕޯޓުގައި ގާއިމުކުރުމަށް ނިންމާފައިވާއިރު، އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!