މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023' އަށް އެހީތެރިވެދެއްވާނެ ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ.
އެގޮތުން ހޯސްޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އެވެ. އަދި ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް ވަނީ ހަމަޖައްސާ ސޮއި ކޮށްފައެވެ.
މީގެ އިތުރުން ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިރާގު، ސަސްޓެއިނަބަލް ފިޝަރީޒް (ނުވަތަ ދެމެހެއްޓެނިވި މަސްވެރިކަމުގެ) ޕާޓްނަރެއްގެ ގޮތުގައި މިފްކޯ އަދި ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި އެމްއޭސީއެލް ވަނީ ހަމަޖައްސާފައެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، ހަމައެކަނި މަސައްކަތްކުރާ ސިނާއަތެއް ނޫން ކަމަށެވެ. އެއްބަޔަކު އަނެއްބަޔަކާ ގާތުން، އެކަކު އަނެކާއަށް އެހީތެރިވަމުން މަސައްކަތް ކުރުން މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ވަރުގަދަކަން ދައްކައިދޭ މިސާލެއް ކަމަށެވެ.
"މިއީ، އައު އުސްމިންތަކަކަށް ވާސިލްވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ވަރުގަދަ އަޒުމް ރަމްޒުކޮށްދޭކަމެއް. މި ފަދަ ބޮޑު އިވެންޓަކަށް، އެ ކުންފުނިތަކުން ފޯރުކޮށްދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އެ ފަރާތްތަަކަށް ޝުކުރު ދަންނަވަން." ތޮއްޔިބު ވިދާޅުވިއެވެ.
މި މޭ މަހުގެ 30 ން ޖޫން 2 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން ބައިވެރިވާ ކޮންފަރެންސެކެވެ. އަދި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން ވެސް ބައިވެރިވާނެއެވެ.
މިއީ ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ ބޮޑު މިފަދަ ކޮންފަރަންސެވެ.
މި ކޮންފަރެންސް ނިމުމުން ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ތަފާތު ފުރުޞަތުތައް ލިބިގެންދާނެއެވެ.
މަންޓާ އާއި ވޭލް ޝާކްއާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ތަޖުރިބާތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.
ސައިޑްލައިން ތަޖުރިބާތައް ރާއްޖޭގެ ތަފާތު 8 ސަރަހައްދެއްގައި ކުރިއަށްދާއިރު، މީގެ ތެރެއިން ކޮންމެ ސަރަހައްދެއްގައި ވެސް ވަކި ސިފަތަކާއި ތަފާތު ހަރަކާތްތަކާއި ތަޖުރިބާތައް ހިމެނޭނެއެވެ. މި އިވެންޓުގެ ސޯޝަލް މީޑިއާ ރީޗް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 130 މިލިއަންއަށް އަރާނެކަމަށް ލަފާކުރެވެއެވެ. އަދި 14 މިލިއަން އެންގޭޖްމަންޓް ވެސް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!