ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ. މިއީ ބާސާއިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި 27 ވަނަ ފަހަރެވެ. އެންމެ ގިނައިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރެއާލް މެޑްރިޑުންނެވެ. އެ ޓީމް ވަނީ 35 ފަހަރު ލީގު ޗެމްޕިއަންކަން ހީދާފައެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއިން އެސްޕަނިޔޯލް ބަލިކޮށް، ބާސާއިން ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މިވަނީ ލީގުގައި އެ ޓީމަށް ބާކީ ހަތަރު މެޗު އޮއްވައެވެ.

Ad
rt

ބާސާއަށް 34 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 34 މެޗުން 71 ޕޮއިންޓެވެ. މި ދެ ޓީމްގެ ދެމެދުގައި 14 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ދެން އޮތް ހަތަރު މެޗުން ބާސާ ބަލިވެ، ހަތަރު މެޗުން ރެއާލް މޮޅުވިޔަސް ބާސާއާއި ޕޮއިންޓްގެ ގޮތުން ރެއާލަށް އަރާ ހަމައެއް ނުކުރެވޭނެއެވެ.

މިއީ 2018/19 ސީޒަންގެ ފަހުން ބާސާއަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ 2021 ވަނަ އަހަރު މެސީ އެ ޓީމް ދޫކޮށް ދިޔަފަހުން ބާސާއަށް ލީގު ޗެމްޕިއަންކަނަ ހޯދުނު ފުރަތަމަ ފަހަރު ވެސް މެއެވެ. މި ސީޒަންގައި ބާސާއިން ލީގުގައި މޮޅު ކުޅުމެއް ދެއްކިއިރު މިހާތަނަށް ކުޅުނު 34 މެޗުގެ ތެރެއިން ބާސާ ވަނީ 27 މެޗުން މޮޅުވެފައެވެ.

މީއީ ޒަވީ ބާސާގެ ކޯޗުގެ މަގާމާއި ހަވާލުވި ފަހުން އެ ޓީމުން ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ޒަވީވަނީ ބާސާގެ ސީނިއާ ޓީމަށް ކުޅުނު 17 ސީޒަންގައި 8 ފަހަރު ލީގުގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ.

ރޭ މެޗުގައި ބާސާއިން ވަނީ އެސްޕަނިޔޯލް ކޮޅަށް ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ބަލްޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލެވަންޑޯސްކީ ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބަލްޑޭއެވެ. މިއީ ލީގުގައި ބަލްޑޭ ބާސާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ތިންވަނަ ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ޖޫލްސް ކޫންޑޭ ވަނީ ލަނޑުޖަހައި ބާސާއަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ނަމަވެސް މެޗުގެ ފަހުބައިގައި އެސްޕަނިޔޯލުން ވަނީ ދެ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. އެސްޕަނިޔޯލްގެ ފުރަތަމަ ލަނޑު 73 ވަނަ މިނެޓުގައި ޕުއާޑޯ ކާމިޔާބުކުރި އިރު ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖެހީ ޖޯސެލޫއެވެ.