ބީއެމްއެލްއިން އޮންލައިން ބޭންކިން ލޮގިންއަށް ޓޫ ފެކްޓަ އޮތެންޓިކޭޝަން ތައާރަފްކޮށްފިއެވެ.

އެ ބޭންކުން ބުނީ މިއީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރުފިޔަވަޅެއްގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން، މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫފެކްޓަ އޮތެންޓިކޭޝަން (2FA) މިއަދު ތައާރަފްކޮށްފައިވާ ކަމަށް ބުންޏެވެ.

Ad
rt

މީގެ އިތުރުން މި ފެށޭ ހަފްތާތެރޭގައި މި ހިދުމަތް އިންޓަނެޓް ބޭންކިންއަށް ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި އަޕްޓޭޑް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދާނެއެވެ. އެގޮތުން، އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިން އެޕަށް ލޮގިން ވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ ޖަހަންޖެހޭނެއެވެ. ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓަ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެއެވެ.

ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބީއެމްއެލް އިން ދަނީ މެދުނުކެނޑި މަސައްކަތްތައް ކުރަމުންނެއެވެ. އެގޮތުން މާޗު މަހު އެ ބޭންކުންވަނީ ހުރިހާ ސްކޭން ޓު ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައި، އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓް ދާގޮތަށް ހަމަޖައްސައިފައެވެ.

މީގެ އިތުރުން ބޭންކުން ވަނީ އޮތެންޓިކޭޓަ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލްއެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަންފަށާފައެވެ.

ބީއެމްއެލް އިން ތަކުރާރުކޮށް އެދެނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާނުކުރުމަށެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑް އެއް ބޭނުންކުރުމަށް އެ ބޭންކުން ހަނދުމަކޮށްދެއެވެ.