އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި މީހާގެ ވަނަވަރު ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ރަސްދޫ ފުލުހުންގެ އިދާރާގައި ބަންދުގައި ހުއްޓާ ފިލާފައިވަނީ އއ. ހިމަންދޫ، ދަނބުގެ ހުސައިން ޝަޙްބާން އެވެ. އޭނާއަކީ އުމުރުން 25 އަހަރުގެ މީހެކެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަންދުގައި ހުރި މީހެއް ކަމަށެވެ.
އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ރަސްދޫ ފުލުހުންނަށް (9791394)، ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އޭނާ ފިލާފައިވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައްހަނޫން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!