މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މެއި މަހުގެ 5 ގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

Ad
rt

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 667،729 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރާއި އަޅާބަލާއިރު، %6.4 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކޮށްފައިވާ 640،730 ފަތުރުވެރިންނާއި އަޅާބަލާއިރު %17.5 ގެ ކުރިއެރުމެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިއަހަރުގެ މެއި މަހަށް އެކަނި ބަލާއިރު، މި މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާ %19.9 ދަށްވެފައި ވީނަމަވެސް، 2019 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %3.3 ގެ ކުރިއެރުމެއް އައިސްފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ވަކި މާރކެޓްތަކަށް ބަލާއިރު، ޗައިނާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

އެގޮތުން މިއަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް %4.7 ވަނީ ހިއްސާކޮށްފައެވެ. އަދި ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ވެސް ޗައިނާއެވެ.