މި ޒަމާނުގައި ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީން ކުރިއަށްގެންދާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައި.ސީ.އައި.އޭ) ފަށްޓަވައިދެއްވައި ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރ ވިދާޅުވީ ޓެކްނޮލޮޖީ އަކީ ގޯސް މަޢުލޫމާތު ފެތުރުމަށް ވެސް ބޭނުންކުރާ ހަތިޔާރަކަށް ވާތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށާއި މިއީ އެއްވެސް ހާލެއްގައި ކޮމްޕްރޮމައިޒްކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މުޖުތަމަޢުއަށް ބޭނުން ހިފޭނެ އަދި ޢާންމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނެ ތަފާތު ދާއިރާތަކުން ދިރާސާތައް ހެދުމަށް އިލްތިމާސް ކުރައްވާ މިނިސްޓަރ ވިދާޅުވީ ދިރާސާކުރުމާއި ކަންކަން ހޯދައި ބަލައި ތަހުގީގުކުރުމަކީ ތަޢުލީމުދޭ މުއައްސަސާތަކުގެ އެކަނި ޒިންމާއެއް ނޫން ކަމަށެވެ. އަދި މިއީ މުޅި މުޖުތަމަޢު އެކަމެއްގައި ބައިވެރިވާން ޖެހޭ ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
"މިފަދަ ކޮންފަރެންސްތަކުން އެއްކުރާ މަޢުލޫމާތަކީ ހަމައެކަނި ކިޔެވުމުގެ މަރުޙަލާގައި ބޭނުންކުރާ އެއްޗަކަށް ނުހަދައި، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ދިރާސާތަކުގެ މަޢުލޫމާތު ބޭނުންކުރުން އިތުރުކުރަންޖެހޭ. މިއީ މިހާރަށްވުރެ ބޮޑަށް މުޖުތަމަޢުއަށް ފައިދާވާނެ މަސައްކަތަކަށް ހަދަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ގައުމެއްގެ އިގްތިސާދާއި ތިމާވެށްޓާއި ޑިމޮކްރަސީއާއި އާންމު ދިރިއުޅުމުގެ ކަންކަން ހަރުދަނާކޮށް ފުރިހަމަކުރުމަށް ދިރާސާތައް ހެދުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!