އައިޔޫއެމްގެ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ފަށައިފި

photo_2023-05-06_16-20-05

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް ފަށައިފިއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ 200 އަށްވުރެ ގިނަ ރިސާޗަރުން ބައިވެރިވާ ކި ކޮންފަރެންސް ފަށާފައިވަނީ މިއަދު ހެނދުނުއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ޝަރަފްވެރިކޮށްދެއްވީ މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހީމް ހަސަން އެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ދިރާސާ ކަރުދާސް ހުށަހެޅުއްވުމާއި ޕެނަލް ޑިސްކަޝަން އެވެ.

ކޮންމެ ދުވަހެއްގެ ވެސް ފެށުމުގެ ރަސްމިއްޔާތުގައި ކީނޯޓު ތަގުރީރު ހަމަޖައްސާފައިވާއިރު، މި ފަހަރު ކީނޯޓު ދެއްވާ އެއް މައުޟޫއަކީ މަތީ ތައުލީމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކެވެ. އަދި ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް އަދީބު ކަމަށްވާ ފަޟީލަތުއްޝައިހުލް އުސްތާޒް ހުސެއިން ސަލާހުއްދީނުގެ ލިޔުއްވުންތަކުގައި ހުރި ބަހަވީ އަދި އިޖުތިމާއީ ކުރިއެރުންތަކަށް ވެސް ކީނޯޓު އޮންނާނެއެވެ.

މި ކޮންފަރެންސް ގައި ޖުމްލަ 223 ރިސާޗަރުން ބައިވެރިވާއިރު، 52 ކަރުދާސް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ކަރުދާސް ހުށަހަޅާ މައުޟޫތަކުގެ ތެރޭގައި ހަލާލް ޓޫރިޒަމް، އިސްލާމިކް ފައިނޭންސް، އަންހެނުންގެ ސިއްހަތު، ނަފްސާނީ އިލްމު، އަދަބިއްޔާތު، މާލީ ނިޒާމު އަދު ޒުވާނުންގެ ދާއިރާ ހިމެނެއެވެ.

މިއަހަރުގެ ކޮންފަރެންސް ގައި ދިވެހި، އަރަބި އަދި އިނގިރޭސި ބަހުް ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ކޮންފަރެންސްގެ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕެންޝަން އޮފީސް، ސްޓެލްކޯ، އުރީދޫ، ދިރާގު، އައި.އައި.އައި.ޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަމާނާ ތަކާފުލް އެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައި.ޔޫ.އެމް އިން މި ކޮންފަރެންސް ބާއްވަން ފެށީ 2016 ގަ އެވެ. ކޮވިޑުގެ ސަބަބުން 2020 އަދި 2021 ގައި ބޭއްވީ ހައިބްރިޑްކޮށެވެ. އޭގެ ފަހުން މިދިޔަ 2022 ގައި ވަނީ ކުރިއެކޭ އެއްގޮތަށް ފިޒިކަލްކޮށް ބާއްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *