އަހަރުމެންގެ މުޖުތަމައުގައި އިހްތިރާމު ނުކުރުމުގެ އިޖުތިމާއީ ވަބާ، މިއަދު މިވަނީ ފެތުރިފައި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
"އިހްތިރާމް ކުރުން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ދަރީން މައިންބަފައިންނަށް، މައިންބަފައިން ދަރީންނަށް އިހްތިރާމު ކުރުން ވަނީ ހިތާމަކުރަން ޖެހޭ މިންވަރަށް ކުޑަވެފައި ކަމަށެވެ. އަދި އަވަށްޓެރީން އަވަށްޓެރީންނަށާއި ދަރިވަރުން އުސްތާޒުންނަށް، އުސްތާޒުން ދަރިވަރުންނަށް އަދި މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް އިހްތިރާމް ކުރާ މިންވަރު ވެސް ކުޑަވެފައިވާ ކަމަށް ޚުތުބާގައި ބުނެއެވެ.
މީގެ އިތުރުން އިހްތިރާމް ކުރުމަކީ އިސްލާމް ދީނުގެ މަތިވެރިި އަޚްލާގުގެ ތެރޭގައި ހިމެނޭކަމެއްކަން ވެސް ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި މާތްﷲ ގެ ވަހީ ބަސްފުޅުތަކުން އިރުޝާދު ދެމުން، މީސްތަކުންނާ މުޚާތަބުކުރާއިރު، އިހްތިރާމް ކުރުމަށް އިސްލާމް ދީން ގޮވާލާކަން ވެސް ހަނދާން ކޮށްދީފައި ވެއެވެ.
"މުސްލިމް އަޚުންނޭވެ! އަހަރުމެން އިހްތިރާމް ކުރަންޖެހޭ ފަރާތްތަކެއް ވެއެވެ. އިހްތިރާމްކުރަން ޖެހޭ ތަންތަން ވެއެވެ. އިހްތިރާމް ކުރަންޖެހޭ ކަންކަން ވެއެވެ. މުސްލިމުންގެ ހައިސިއްޔަތުން އަހަރުމެން އެންމެބޮޑަށް އިހްތިރާމްކުރަން ޖެހޭ ފަރާތަކީ މާތްﷲ އެވެ. އަހަރުމެން އެކަލާނގެ ޒާތުފުޅު މަތިވެރިކޮށް އެކަލާނގެ ދީނަށް އިހްތިރާމް އިހްތިރާމް ކުރަން ޖެހެއެވެ. ހަމައެއާއެކު ކީރިތި ރަސޫލާ އަށް މާތްކޮށް ހިތަން ޖެހޭނެއެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އިހްތިރާމް ކުރުމުގެ ތެރޭގައި އިޖުތިމާއީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމ ކުރުން ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދީނީގޮތުން ފާހަގަކުރެވޭ މުނާސަބާތަކުގައި ތަހުނިޔާ ކިޔުމާއި ހަދިޔާބަދިޔާ ބަދަލުކުރުމާއި ހިތާމަތަކުގައު ތައުޒިޔާކިޔައި، އުފަލާއި ހިތާމައިގާ ބައިވެރިވުމާއި ދަތިކަމެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވުމަށް އެހީވުމަކީ އިހްތިރާމް ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
އިހްތިރާމް ކުރުމުގެ ތެރޭގައި އެހެންމީހުންގެ ސިއްރުތައް ވަންހަނާ ކުރުން ހިމެނޭ ކަމަށާއި މީހުންގެ ވާހަކަތައް ވަގަށް އަޑު އަހައި، ފާޅުކުރުމާއި ފޯޓޯއާއި ވީޑިއޯތައް އާންމު ކުރުމަކީ އިހްތިރާމުގެ ދާއިރާއިން މުޅިން ބޭރު ކަންކަން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި މިއީ އިސްލާމީ ރިވެތި އަޚްލާގާއި އަރައިރުންވާ ކަންކަން ކަމަށް ވެސް ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ މީހުންނަށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު އިޖުތިމާއީ ބައްޔެއް ކަމަށާއި މި ބަލި އުންމަތުގެ ތެރޭގައި ފެތުރިއްޖެނަމަ، އެބަޔަކު ހަލާކުވެދާނެ ކަމަށް ވެސް ވަނީ ހަނދާން ކޮށްދީފައެވެ. އަދި އާއިލާއެއްގެ ތެރޭގައި ފެތުރިއްޖެނަމަ، އެ އާއިލާއެއް ރޫޅިދާނެ ކަމަށާއި މިއީ ބައެއްގެ އީމާންކަމުގެ ބަލިކަށިކަން ދޭހަކޮށްދޭ ނުބައި ސިފައެއްކަން ވެސް ހަނދާން ކޮށްދީފައި ވެއެވެ.