އޭޓީއެމް 2023ގެ ހަވާސާގައި އެކްސްކްލޫސިވް 'މޯލްޑިވްސް މީޑިއާ މީޓް'ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބޭއްވި ބައްދަލުވުމެކެވެ.
މެއި 2 ވަނަ ދުވަހު، އަލް އައިން ސުއީޓް ބީގެ ހޯލް 3 ގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމައްޗާއި ދުނިޔޭގެ މުހިންމު މީޑިއާތަކުގެ 50 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުން ފަށާފައިވަނީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އާ ގުޅޭ ކުރު ތައާރަފަކުންނެވެ.
އެމްއެމްޕީއާރުސީ އިން މި އަހަރު ކުރިއަށްގެންދާ ގްލޯބަލް ޕްރޮމޯޝަނަލް މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަރަކާތެއް ކަމުގައިވާ ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި ލިޔުންތެރިންނަށް ޚާއްޞަކޮށްފައިވާ ހަރަކާތެކެވެ.
ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަަށް ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތައް، މި ކޮންފަރެންސްގެ ބައިވެރިންނަށް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެެއެވެ. ސްޓޯރީޓެލަރސް ކޮންފަރަންސްގެ ތަޢާރަފަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް، ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފަރެންސް 2023 އަށް ދައުވަތު ލިބޭނެކަން އިއުލާން ކުރެވުނެވެ.
މި ބައްދަލުވުމުގައި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު އާމިނަތު ޝަބީނާ ދެއްކެވި ވާހަކަ ބިނާކުރައްވާފައި ވަނީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ޒަމާނުއްސުރެ އޮތް ޑިޕްލޮމެޓިކް ގުޅުމާއި، އެ ގުޅުމުގެގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ރަނގަޅު އަސަރާއި މި ގުޅުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މީގެ އިތުރުން މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް (އެމްޔޫއައި) ގެ ބޭސް ލީޑަރ، ސިކްސް ސެންސެސް މޯލްޑިވްސް ރިސޯޓުގެ ގްރެގް ހޯލްޑަރ ގެ ވާހަކަ ބިނާކުރެއްވީ ފަތުރުވެރިކަމުގެ މާހައުލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ގެ ވާހަކަައިގާ އަލިއަޅުވާލެއްވީ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން 2020، 2021، އަދި 2022 ގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެ ފަހުގެ އަޕްޑޭޓް ތަކަށެވެ.
މިއީ ރާއްޖެއިން ދުނިޔޭގެ ލީޑީންގ ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން 3 އަހަރު ކާމިޔާބުކުރުމަށް ފަހު، އޭޓީއެމްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
މި ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމުގެ ކުރިން، ވާހަކަ ދެއްކެވި ބޭފުޅުން ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. އެއަށް ފަހު، ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަށް ދައުވަތު ލިބޭ ފަސް ނަސީބުވެރިން ހޮވާ އިއުލާންކުރެވުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!