ބޭފުޅިޒަމަކީ ކޮބާ؟

667E40BD-7324-4CE7-9368-801E2623E443

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

"ބޭފުޅިޒަމް" އަކީ ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުމާ އެއްފަދަ ތަފާތުކުރުމެކެވެ. ހަގީގީ ބޭފުޅިޒަމް އޮތީ ރާއްޖޭގައި ކުރިން އޮތް ރަސްކަމާއި ރަސްކަމުގެ ކޮއިލުތެރެއާ ގުޅިފައެވެ. ބޭފުޅިޒަމަކީ ބޭފުޅުންގެ ދަރަޖައިގައި ގިންތިކުރެވޭ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަ އަބުއިކަމާއި، ޢާއިލީ ދަރިކޮޅާއި ނަސަބާއި ހަސަބަށް ފަޚުރުވެރިވެވަޑައިގެންވުމާއި އެހެން މީހުންނަކީ މާދެރަ ބައެއްގެ ގޮތުގައި ދެކެވަޑައިގެން، ކުޑައިމިސް ކުރައްވައި ނިކަމެތިކޮށްލުމެވެ.

ބޭފުޅުންނޭ ކިޔައިގެން މިޒަމާނުގައި ވާހަކަދައްކާ ބޭފުޅުންނާއި ރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރުގެ ބޭފުޅުންނާ ތަފާތެވެ. ދިވެހިރާއްޖޭގައި އޮތް ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިއުމާއެކު ހަގީގީ ބޭފުޅިޒަމުގެ ސިލްސިލާ ވަނީ ބުރިބުރިވެ ކެނޑިފައެވެ. ކުރީގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ ބޭފުޅުން ތަފާތެވެ. އެންމެ ބޮޑު ތަފާތަކީ ބޭފުޅަކަށް ވާގޮތެވެ.

ކުރީ ޒަމާނުގައި ބޭފުޅުވަންތަކަމުގެ ސިލްސިލާ ފެށެނީ ރަސްކަމުގެ ތަޚުތާ ހަމައިންނެވެ. ރަސްގެފާނާއި ރަސްކަމުގެ ކޮއިލުތެރޭގައި ދިރިއުޅުއްވާ އަދި ޢާއިލީ ގޮތުން ރަސްގެފާނާ އެންމެ އަރިސް ވާނީ "ބޭފުޅުން" ނެވެ. މިއީ އޭރު އޮންނަ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް ދަރަޖައެވެ.

ރަސްގެފާނު ނުވަތަ ރަސްކަނބަލެއްގެ ފިރިހެން ބޭފުޅެއް ނަމަ ނަމުގެ ކުރިއަށް ބޭނުންކުރާނީ އަލްއަމީރެކެވެ. އަންހެން ބޭފުޅެއް ނަމަ އަލްއަމީރާއެވެ. އަލްއަމީރު އަދި އަލްއަމީރާ އިންނަށް ލިބިވަޑައިގަންނަވާ ފިރިހެން ބޭފުޅުންގެ ދަރަޖައަކީ އައްނަބީލެވެ. އަންހެން ބޭފުޅުންގެ ދަރަޖައަކީ އައްނަބީލާއެވެ. އައްނަބީލް އާއި އައްނަބީލާއިންނަށް ލިބިވަޑައިގަންނަވާ ފިރިހެން ބޭފުޅުންގެ ލަގަބަކީ އަލްފާޟިލް އެވެ. އަންހެން ބޭފުޅެއް ނަމަ އަލްފާޟިލާއެވެ.
މަނިއްޕުޅު ކިޔަނީ ރަސްމަތި ފުށުގެ ފިރިހެން ބޭފުޅުންނަށެވެ. ގޮމާ ކިޔަނީ ރަސްމަތިފުށު އަންހެން ބޭފުޅުންނަށެވެ.

ކުރީ ޒަމާނުގައި އޮންނަ ދެވަނަ ދަރަޖައަކީ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރަސްގެފާނުގެ ފަރާތްޕުޅުން މަތީ ދަރަޖަ ދެއްވާފައިވާ ބޭފުޅުންނެވެ. މި ދަރަޖައިގެ ތެރޭގައި ބޭފުޅުންނާއި ބޭކަލުން ވެސް ތިއްބަވައެވެ. ބޮޑުބޭކަލުންނާއި ކިލެގެބޭކަލުން (ވަޒީރުން) ހިމެނެނީ މި ދަރަޖައިގައެވެ. މި ދަރަޖައިގެ ބޭފުޅުންގެ ނަމުގެ ކުރިއަށް އާންމުކޮށް ބޭނުންކުރަނީ އެ ބޭފުޅެއްގެ މަޤާމާ ގުޅިފައިވާ ލަގަބުތަކެވެ. އެ ނޫން ބޭކަލުންނަށް މުޚާޠަބުކުރަން ބޭނުންކުރަނީ "އަލްމުޚްތަރަމް" އެވެ.

ތިންވަނަ ދަރަޖައަކީ އެހެނިހެން ޢިއްޒަތްތެރިންނާއި ކަމުވޮށިވެގެންވާ ބޭކަލުންގެ ދަރަޖައެވެ. މަޖިލިސް މެންބަރުން، އަތޮޅު ވެރިން، އަވަށުވެރިން، ޚަތީބުން، އަސްކަރު މުސްކުޅިން، ސިފައިން، ހަނގުބޭކަލުން ހިމެނެނީ މި ދަރަޖައިގައެވެ.

ހަތަރުވަނަ ދަރަޖައަކީ އާދައިގެ ދަރަޖައެވެ. އެއީ އާންމު ރައްޔިތުންގެ ދަރަޖައެވެ.

ރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ބޭފުޅިޒަމާ ފެޔަށް ދިވެހީން ޖެހެންފެށިއެވެ. އެކަމަކު ޒަމާންވީ އެ ބޮޑު އާދަކާދައާއި ސަޤާފަތުގެ ސިފަތައް ކުއްލިއަކަށް ދޫކޮށެއް ނުލެވުނެވެ. ނަމަވެސް ރާއްޖެއަށް އައި ޒަމާނީ ޑިމޮކްރަސީއާއެކު އެންމެން ހަމަހަމަކޮށް، ދުސްތޫރުން ބޭފުޅިޒަމު ނައްތާލައިފިއެވެ.

މި ޒަމާނުގައި ކޮންމެ ފެންވަރެއްގެ އާއިލާއެއްގެ ކޮންމެ މީހަކަށް ވެސް ބޭފުޅަކަށް ވެވިދާނެއެވެ. ވަމުން ވެސް އެބަދެއެވެ. މި ޒަމާނުގެ ބޭފުޅުންނަކީ އެ ބޭފުޅަކު ހާސިލުކުރައްވާ ޢިލްމާއި އަދާކުރައްވާ މަޤާމާއި މުޖުތަމަޢުން ހާސިލުކުރައްވާފައިވާ މަޤާމަށް ނިސްބަތްކޮށް ކިޔޭ ބޭފުޅުންނެވެ. ވާހަކަ ދެއްކުމުގައި ކުރިން ގިންތިކޮށްގެން ބޭނުންކުރި ދަރަޖަތައް ގަބޫލުކުރާ މީހުން ދަނީ މަދުވަމުންނެވެ. މިހާރު ވާހަކަ ދެއްކުމުގައި ބޭނުންކުރަނީ އެންމެ މާތްގޮތާއި މާތްގޮތާއި އާދައިގެ ގޮތެވެ. މި ދަރަޖަތައް ވެސް ބޭނުންކުރަންވީ ރަނގަޅުގޮތް އޮޅި، ރަނގަޅު ގޮތުގައި ބޭނުންކުރަން ނޭނގި ދަނީ މަސްހުނިވަމުންނެވެ. ބަހުގައި ދަރަޖަތަކެއް ހުރުމާއެކު އެ ދަރަޖަތަކުން ރީތި ގޮތުގައި މުއާމަލާތް ކުރުމަކީ ބަހަށް ލިބޭ ފުރިހަމަ ކަމެކެވެ. އަދި އެއީ މުޖުތަޢުގައި އަދަބު އިހުތިރާމާއި ލޯތްބާއި އިތުބާރު ދަމަހައްޓައިދޭނެ އަޚުލާޤީ ސިފައެކެވެ. (ނިމުނީ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *