ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކަށް ގާތަށް ބާސާ ޖެހިލައިފިއެވެ.
ރޭ މެޗުގެ ބޮޑުބައި ދިހަ ކުޅުންތެރިނަނާއިއެކު ކުޅުނު އޮސަސޫނާގެ މައްޗަށް ބާސާއިން ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ރޭ ވަނީ ރެއާލް ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ.
މި ނަތީޖާތަކާއިއެކު މިވަގުތު ބާސާ އެއްވަނާގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 82 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 33 މެޗުން 68 ޕޮއިންޓެވެ. ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 32 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިރޭ ކަޑިޒްއާއި ދެކޮޅަށްކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ ރެއާލް ތިންވަނައަށް ވެއްޓި އެތުލެޓިކޯއަށް ދެވަނާގައި ރެއާލުގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ.
2018-19 ސީޒަނަށް ފަހު ބާސާއަށް ލީގު ކާމިޔާބު ކުރެވިފައިނުވާއިރު، އެ ޓީމަށް މި ސީޒަނުގައި ލީގު ކާމިޔާބު ކުރުމަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އެސްޕަނިޔޯލާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ލީގު ކާމިޔާބު ކުރުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮސަސޫނާއާއި ރެއާލް މްޑްރިޑް ބައްދަލުކުރާ ކޮޕަ ޑެލް ރޭ ފައިނަލް މެޗު އޮންނާތީ، ބާސާއާއި ދެކޮޅަށް އޮސަސޫނާއިން ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން ރޭ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެމުން އަންނަ ނުވަ ކުޅުންތެރިއަކަށް ވަނީ ރެސްޓް ދީފައެވެ.
ރޭ މެޗުގެ 27 ވަނަ މިނެޓުގައި އޮސަސޫނާގެ ޖޯޖް ހެރާންޑޯއަށް ރަތް ކާޑް ދެއްކުމާއި ގުޅިގެން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އޮސަސޫނާއިން ރަނގަޅު ޑިފެންސެއް ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނީކޮށް ޖޯޑީ އަލަބާ ކާމިޔާބު ކޮށްދިން ލަނޑުން ބާސާ ވަނީ މޮޅުވެ ތިން ޕޮއިންޓް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!