ކުރިން ދިމާނުވާފަދަ ބޮޑެތި މޫސުމީ މައްސަލަތައް މިހާރު ކުރިމަތިވަމުންދާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ފަހަކަށް އައިސް ރަށް ގިރުމުގެ މައްސަލަ އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަން ގުޅެނީ މޫސުމީ ބަދަލުތަކާއި ރަށްރަށުގެ ގޮނޑުދޮށްތައް ކައިރީގައި ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތައް ކަމަށް ވެސް ވިދާޅުވިއެވެ.
"މިފަދަ މަސައްކަތެއް ކުރަން ބަލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ އެކަށީގެންވާ މަޢުލޫމާތު ނެތުން. މިއީ ޕްރޮޖެކްޓްތައް ޑިޒައިންކުރުމުގައި އިންޖިއަރުންނަށް ވެސް ދިމާވާ ދަތިކަމެއް." އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވަނީ ރަށްރަށަށް ވަމުންދާ ގޮތް ދެނެގަނެ، ދާއިމީ ރެކޯޑް ބަލަހައްޓަން ޖެހޭކަން ފާހަގަކުރައްވައި މިކަން ކުރެވޭނެ އެންމެ ފަސޭހަގޮތަކީ، ރަށްރަށުގެ ފަސްގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް، ޑްރޯން ފޮޓޯ ބޭނުންކޮށް، ޑޭޓާ އެއްކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ގިރުމުގެ މައްސަލައަކީ ޒަމާނުއްސުރެ، ދިމާވެފައިވާ ހައްލުކުރުމަށް ގޮންޖެހުންބޮޑު ކަމަށްވާއިރު، މިފަދަ މައްސަލަތައް ދިމާވެގެން ކޮންމެ އަހަރަކު އެތައް ރަށަކުން ރިޕޯޓްކުރެއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ވެސް ހިންގަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!