ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗުގައި، ޖިރޯނާގެ ފޯވާޑް ކަސްޓެޔާނޯސް ރެއާލް ކޮޅަށް ހަތަރު ލަނޑުޖަހައިފިއެވެ. ރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޖިރޯނާއިން ރެއާލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ.

ރޭއާލްގެ އެޓޭކް ހުއްޓުވުމުގައި ރޭ ޖިރޯނާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުންވަނީ ކައުންޓަ އެޓޭކްގައި ތަނަވަސްވީ ފުރުޞަތު ތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފާފައެވެ.

Ad
rt

މި މެޗުގައި ރެއާލް ކޮޅަށް ޖެހި ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ޖިރޯނާގެ ފޯވާޑް ކަސްޓެޔާނޯސްއެވެ. މިއީ ލީގު މެޗެއްގައި ރެއާލް ކޮޅަށް ފާއިތުވި 75 އަހަރުތެރޭ ހަތަރު ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ. މީގެކުރިން ރެއާލް ކޮޅަށް ލީގުގައި ހަތަރު ލަނޑު ޖަހާފައި ވަނީ 1947 ވަނަ އަހަރު ރެއާލް އޮވިއޭޑޯއަށް ކުޅުނު އެސްބާޓަންއެވެ. އޭނާ ވަނީ އެ މެޗުގައި ރެއާލް ކޮޅަށް ފަސް ލަނޑު ޖަހާފައެވެ.

ރޭ މެޗުގައި ޖިރޯނާގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ކަސްޓެޔާނޯސް ކާމިޔާބުކުރީ އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމްގެ ގުޓިއަރޭޒް ރެއާލްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ކަސްޓެޔާނޯސް ޖަހާފައި ވަނީ، ރެއާލްގެ ޑިފެންސްގެ ފަހަތަށް ކުޅުނު ބޯޅަ ހޯދައިގެންނެވެ. ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަކޮށްފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި އެސެންސިއޯ ހުރަސްކުރި ބޯޅަ ބޮލުން ގޯޅުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސްއެވެ.

ދެވަނަ ހާފު ފެށިތާ ސިކުންތު ކޮޅެއްގެ ތެރޭ ކަސްޓެޔާނޯސް ވަނީ ރެއާލް ކޮޅަށް ލަނޑުޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ކަސްޓެޔާނޯސް ޖިރޯނާއަށް ހަތަރުވަނަ ލަނޑު ޖަހައިދީފައި ވަނީ 62 ވަނަ މިނެޓުގައެވެ. އެއަށްފަހު 72 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގައި ގިނަ ބަދަލުތަކެއް ގެނެސް ރެއާލުން ނަތީޖާ އަނބުރާލަން މަސައްކަތްކުރި ނަމަވެސް ލަނޑު ޖަހާނެ ފުރުޞަތު ހޯދުމުގައި އެ ޓީމަށް މާބޮޑު ކުރިއެރުމެއް ނުހޯދުނެވެ. ރެއާލްގެ ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވަޒްކޭޒް އެވެ.

ރެއާލް މި މެޗުން ބަލިވުމާއިއެކު ބާސާއަށް މި ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކުރުމުގެ ފުރުޞަތު ލިބިފައެވެ. މިރޭ ބާސާ ނުކުންނާނީ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށެވެ. އެ ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 14 ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތި ބާސާއަށް މިހާރު ވަނީ ތަނަވަސް ވެފައެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިހާރު ބާސާ އޮތީ 30 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ރެއާލަށް ލިބިފައި ވަނީ 31 މެޗުން 65 ޕޮއިންޓެވެ.