ދިވެހި ވަތަންގެ ކުރިއަށް އޮތް ޖީލުތަކަށް އިސްލާމް ދީނުގެ މަތިވެރި އަގީދާ ފޯރުކޮށް ދިނުމަށް، ގައުމުގެ އިސްލާމީ ސަހުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހޭނެ ކަމަށް މިއަދުގެ ޢީދު ހުތުބާގައި ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ ފިޠުރު ޢީދުގެ ހުތުބާގައި ބުނެފައި ވަނީ، މިފަދަ ބަރަކާތްތެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ފިޠުރު ޢީދުގެ ބަރަކާތްތެރި ޖަމާޢަތަށް މުސްލިމުން އެއްތަން ކުރުވީ މާތް ވެގެންވާ އިސްލާމް ދީންކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން އިސްލާމް ދީނާއި ދީނުގެ އަގީދާއަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފަވެއެވެ.

Ad
rt

ހުތުބާގައި ބުނެފައި ވަނީ ޤައުމުގެ އިސްލާމީ ސަހުސިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި އަދި އިސްތިގްލާލު ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ސަހުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް މިއަދު އަޒުމް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

''މި ލޮބުވެތި ވަތަން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދީގެންނެވެ.'' ހުތުބާގައި ބުނެފަވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ވަތަންގެ އަމާންކަމުގެ ނިއުމަތަކީ ބަޔަކަށް ލިބިދޭނެ އެންމެ ބޮޑު ނިއުމަތް ކަމަށެވެ. އަދި ގައުމުގެ ހުރިހާ ދަރިން ވެސް މި އަމާނަތް ހިމާޔަތް ކުރުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ހުތުބާގައި ބުނެފަވެއެވެ.

މިއަދުގެ ހުތުބާގައި ވަނީ އެންމެން އެކުވެރިވެ، ހިތްތައް ސާފުކޮށް އެކަކު އަނެކާގެ ހައްގުތައް އަދާކުރުމަށް ނަސޭހަތްތެރިވެފައެވެ. ހައްގުތައް އަދާކުރުމުގައި ފުރަތަމަ އިސްކުރާންވީ މައިންބަފައިންކަމަށާއި، އެމީހުން ހިތުގައި ނުޖެއްސުމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާއި ގުޅިފައިވާ ކަމެއް ކަމަށާއި، މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮ ފޯރުވާ، ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.