ރައީސް އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން އެ އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަޤްޞަދު ޙާސިލުވާގޮތަށެވެ. އަދި މާލިއްޔަތު ޤާނޫނާ ޤަވާއިދާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

Ad
rt

އޮޑިޓް ރިޕޯޓުގައި ވާގޮތުން ރައީސް އޮފީހުން 2021 ވަނަ އަހަރުގެ މާލީ އަހަރުގެ ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" އަދި "ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާނަކީ މައިގަނޑުގޮތެއްގައި އެ އޮފީހުގެ 2021 އަށް ނިމުނު މާލީ އަހަރު އެ އޮފީހަށް ލިބުނު ފައިސާއާއި، އެ ފައިސާއިން ކުރެވުނު ޚަރަދުގެ ބަޔާންތަކެވެ. އަދި މާލީ އަހަރުގެ ބާކީ ހުރި ފައިސާ އަދި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތް ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ މާލީ ބަޔާންތަކެއް ކަމަށެވެ.

މައިގަނޑުގޮތެއްގައި އެ އަހަރު ރައީސް އޮފީހުން ޚަރަދުކޮށްފައިވަނީ ބަޖެޓުގެ މަޤްޞަދު ހާސިލްވާގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. އަދި ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ކުރައްވާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

2021 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ރައީސް އޮފީހަށް 180 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން 178 މިލިއަން ރުފިޔާ އެ އަހަރު ވަނީ ހޭދަކޮށްފައެވެ. ރައީސް އޮފީހުގެ އޮޑިޓް ރިޕޯޓަކީ ރައީސްގެ ރަސްމީ ގެކޮޅާއި، ނައިބުގެ ރަސްމީ ގެކޮޅުގެ ވެސް ހިމެނޭހެން ނެރުއްވާފައިވާ ބަޔާނެކެވެ.