ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް މި މަހު ބާއްވަން ނިންމާފައިވާކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މިއީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލް މަހުގެ 28 ން 30 އަށް ކަމަށެވެ.
މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ ހަތަރު ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އައި.ޖީ.އެމް.އެޗް ގެ ހަތަރު ކާޑިއޮލޮޖިސްޓުން ވެސް ކިޔަވައިދިނުމުގައި ބައިވެރިވާނެ ކަމަށް ވެސް ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ އެއީ އިޓަލީގެ ޑރ. އިމާދު ޝައިބާން، ޖަރުމަނުގެ ޑރ. ޖެރަލްޑް ވާރނަރ، އިންޑިއާގެ ޑރ. ޕަރަތާޕް ކުމާރު އަދި ބަންގްލަދޭޝްގެ ޑރ. ޤުލާމް އަޒަމް ބައިވެރިވާނެ ކަމަށެވެ.
މި ބައްދަލުވުމަށް މިފަހަރު 30 އަށްވުރެ ގިނަ ރާއްޖެއިން ބޭރުގެ ކާޑިއޮލޮޖިސްޓުން ތަމްރީނު ހޯދުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ ފަސޭހައިން ނުހުޅުވޭގޮތަށް ބެދިފައިހުންނަ ހިތުގެ ހޮޅިތައް އެކިވައްތަރުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަދި ހިތުގެ ހޮޅީގެ އެތެރެއަށް ލައްވާ ސްކޭންކުރާ ކެމެރާތަކުގެ އެހީގައި ހުޅުވާނެގޮތްތައް ކިޔަވައިދިނުމެވެ.
މި ކިޔަވާދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަކީ މި ހުނަރާއި ތަޖުރިބާގައި ދުނިޔެއަށް މަޝްހޫރު ބޭފުޅުން ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!