ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސުމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ގެ ނަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފިއެވެ.

ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ ކަންވެސް ކުރައްވާފައިވާ ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުންނެވެ.

Ad
rt

ސައީދު މިހައިތަނަށް ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު، 2011 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން، ރައީސް ނަޝީދު ވަނީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުން ސައީދުއާ ހަވާލުކޮށްފައެވެ.

ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައީދަކީ އޭރު ވެރިކަން ކުރި އެމްޑީޕީގެ އިސް ސަފުގައި ވެސް މަސައްކަތް ކުރެއްވި ފަރާތެކެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމު ހުސްވެފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މިދިޔަ އާދިއްތަ ދުވަހު މަގާމުން ވަކިކުރުމުންނެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ އަމްރު އެ މަގާމުން ވަކިކުރީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

އަމްރު އެ މަގާމުން ވަކިކުރި އިރު، އޭނާއަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި އޭނާ ގެންދަވަނީ ނަޝީދުގެ ކެމްޕެއިންތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވަމުންނެވެ.