މިިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަސްތައް އައީ ހދ. ހަނިމާދުއަށާއި ލ. ކައްދު އަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

އެ އިދާރާ އިން ހާމަކުރި ރާއްޖޭގެ މިދިޔަ އަހަރުގެ މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ދެ ރަށަށް ވެސް އެންމެ ހޫނު ގަދަ ވި ދުވަހު، 33.8 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން އަރާފައި ވެއެވެ.

Ad
rt

ތަފާސް ހިސާބުން ދައްކާ ގޮތުގައި ހަނިމާދުއަށް ހޫނު ގަދަވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާއި މޭމަހުގެ ދެވަނަ ދުވަހުއެވެ. އަދި ކައްދުއަށް ހޫނު ގަދަވީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ހަނިމާދޫ، ކާޑެއްދޫ އަދި އައްޑު ސިޓީއަށް 21.6 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން ދަށްވި ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.

އެގޮތުން ހަނިމާދުއަށް ފިނިހޫނުމިން އެވަރަށް ދަށަށް ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ފަސް ވަަނަ ދުވަހު ކަމަށާއި ކާޑެއްދުއަށް އޮގަސްޓް 25 ގައި އަދި ގަމަށް އޮގަސްޓް ތިނެއް ގައި އެވަރަށް ފިނިހޫނުމިން ދަށްވި ކަމަށް ހިސާބުތަކުން ވަނީ ދައްކާފައެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ރަށަކަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ވާރޭ ވެހުނީ ހުޅުލެއަށެވެ. އެއީ 139.6 މިލިލީޓަރުގެ ވާރޭ ކަމަށާއި އެވަރަށް ވާރޭ ވެހިފައިވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހު ކަމަށް ބުނެއެވެ. އަދި ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދުއަށް ކަމަށާއި އެރަށަށް އެ ދުވަހެއްގެ ތެރޭގައި 124.8 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ޖުމްލަކޮށް އެންމެ ގިނަ ވާރޭ ވެހުނީ ވެސް ހުޅުލެއަށް ކަމަށް ރިކޯޑުތަކުން ދައްކާއިރު، އެއީ 2،105.5 މިލިލީޓަރުގެ ވާރެއެވެ. ދެވަނަ އައަށް އެންމެ ގިނައިން ވާރޭ ވެހުނު ކައްދުއަށް ވެހިފައި ވަނީ 2،061.8 މިލިލީޓަރުގެ ވާރެއެވެ.