އަންނަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރަޙީމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ)އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިންނާ އެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙް އިއްޔެ ވަނީ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމަށްފަހު ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ވެސް ރައީސް ޞާލިޙް ވެރިކަމަށް ގެނެސްދެއްވާނެ ކަމަށެވެ.
''އެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް'' ސިޔާމް ވިދާޅުވިއެވެ.
އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަަމަ ފުރަތަމަ ބުރުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނާނަން. އެ ކަމުގެ ޔަގީންކަން އަަޅުގަނޑުމެންނަށް އެބައޮތް.
— Ahmed Siyam Mohamed, MP (@Sun_Siyam) March 21, 2023
ސިޔާމް މިހެން ވިދާޅުވެފައިވާއިރު، އެ ބައްދަލުވުމަށްފަހު ރައީސް ޞާލިޙްގެ އައު ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ އެ ކޯލިޝަން އޮތީ މިހާރު ވެސް ރޭހުގެ މާ ކުރީގައި ކަމަށެވެ.
ރިޔާސީ ގަނޑުވަރު މުލިއާގޭގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބުގައި އެ ތިން ޕާޓީ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި މިހާތަނަށް ދެކެވުނު ވާހަކަތަކުގެ އަލީގައި އާ ކޯލިޝަންގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!