ފްރާންސްގެ ގައުމީ ޓީމުގެ އާ ކެޕްޓަނަކަށް އެ ޓީމްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ހަމަޖައްސައިފިއެވެ.
ފްރާންސް ގައުމީ ޓީމްގެ ކެޕްޓަންކަން ކުރަމުން އައި އެ ޓީމްގެ ތަޖުރިބާކާރު ގޯލް ކީޕަރ ހޫގޯ ލޮރިސް ވަނީ ފާއިތުވި އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީގައި ބަލިވި ފްރާންސްގެ ކެޕްޓަންކަން ލޮރިސްވަނީ ފާއިތުވި ދިހަވަރަކަށް އަހަރު ކޮށްފައެވެ. ވޯލްޑް ކަޕަށް ފަހު ލޮރިސްގެ އިތުރުން ފްރާންސްގެ ޑިފެންޑަރ ރަފޭލް ވަރާނޭ، އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ވެސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.
ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންއަށް ފްރާންސުން ޓީމް އެކުލަވާލާފައިވާއިރު، ޓީމްގެ އައު ކެޕްޓަނަކަށް އުމުރުން 24 އަހަރުގެ އެމްބާޕޭ ވަނީ ހަމަޖައްސާފައެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ގްރީޒްމަން އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ލީގުތައް މިހާރު މެދުކަނޑާލާފައިވާއިރު، މި ބްރޭކްގައި ފްރާންސުން ޔޫރޯ ކޮލިފައިންގައި ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މި އަންނަ ހުކުރު ދުވަހުގެ ރޭ ފްރާންސް ނުކުންނާނީ ނެދަލެންޑްސްއާއި ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން ފްރާންސް ނުކުންނާނީ އަޔަލެންޑާއި ދެކޮޅަށެވެ.
އެމްބާޕޭ މިހާތަނަށް ފްރާންސް ގައުމީ ޓީމަށް ކުޅެދިން 66 މެޗުގައި ވަނީ 36 ލަނޑު ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!