ޔޫރޮޕާ ލީގުން އާސެނަލް ކަޓައިފި

28078365-4F00-4EA2-B5AB-6BD513A63C91

ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަތުން ބަލިވެ އާސެނަލް ކަޓައިފިއެވެ.

ގަދަ ސޯޅައިގެ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ސްޕޯޓިންގެ ދަނޑުގައެވެ. އެ މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ މެޗު ރޭ އާސެނަލްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުވުމާއި ގުޅިގެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލު ނައުމުން، މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސްޕޯޓިން ކުރި ހޯދާފައި ވަނީ 5-3 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި މާޓިނެއްލީ ފޮނުވާލި ހަމަލާއެއް ސްޕޯޓިންގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޒަކާއެވެ.

މެޗުގެ ނަތީޖާ ސްޕޯޓިން އިން ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރޯ ގޮންސާލެވްސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އާސެނަލްގެ ކީޕަރު ގޯލުން ބޭރަށް ނުކުމެފައި ހުރި ވަގުތުބަލައި ދަނޑުގެ މެދުން ލިބުނު ބޯޅައެއް ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފުކުޅެ ނިމުނުއިރު ނަތީޖާ އެއްވަރުވުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ. ސްޕޯޓިން އިން ފޮނުވާލު ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެ ޓީމުން ޕެނަލްޓީ ޖަހާފައި ވަނީ ޖެރެމީ ޖުސްޓޭ، ރިކާޑޯ އެސްޖިއާއޯ، ގޮންސާލޯ އިނާސިއޯ، އާތުރް ގޮމޭސްގެ އިތުރުން ނޫނޯ ސަންޓޯސް އެވެ.

އާސެނަލުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުވީ މާޓިނެއްލީގެ ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ސްޕޯޓިންގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އާސެނަލަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދީފައި ވަނީ އޮޑެގާޑް، ސަކާގެ އިތުރުން ޓްރޮސާޑް އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *