އޮޅުވާލައިގެން ބިމެއް ނުވިއްކާ، މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފައި: އެޗްޑީސީ

Hulhumale

އެޗްޑީސީން އޮޅުވާލައިގެން ބިމެއް ނުވިއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށާއި، އެހެންމަވެސް ބިން ވިއްކުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. އަދި ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށްބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފު ވަގުތުން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުޢާމާލާތެއްކޮށް އެ މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން އެ މައްސަލައިގެ ތަހުގީގުގައި ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރެޝަނުގެ ފަރާތުން ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް ނުކުރާނެ ކަމަށެވެ. މި ކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މި މައްސަލާގައި އެ މުވައްޒަފަށް ބިމެއް ވިއްކުމުގެ ފުރުސަތެއް އެ ކުންފުނީ އުސޫލުތަކުގެ ތެރެއިން ލިބިފައެއްނުވާ ކަމަށް ވެސް ވަނޫ ބުނެފައެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބިންވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ވަނީ ހަރުދަނާ ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކަށް ކަމަށާއި، އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިޢުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރެޖިސްޓަ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެކަމާއި ބިން ވިއްކުމަށް ހުޅުވާނުލާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ވަނީ ބިން ވިއްކަން އުޅުނު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

އަދި، މިގޮތަށް އައިރު ގާނޫނީ ގޮތުން، އާންމުކޮށް އިއުލާން ކުރުމަކާއި ނުލައި އަދި އަމިއްލަ އެކައުންޓް ބޭނުންކޮށް ހިންގޭ މުޢާމާލާތުތަކަށް އާއްމުން ސަމާލުވެ، މިފަދަ އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް އެ ކުންފުންޏަށް އެންގުމަށް ވެސް އެޗްޑީސީން އިލްތިމާސްކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *