ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި މި ސެންޓަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވި ސެންޓަރެކެވެ.
މިއީ އެ ކުންފުނީގެ "ސްމާޓްކޮމް" ބްރޭންޑުގެ ދަށުން ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ.
އެޗްޑީސީން ބުނީ މި ކޮންޓެއިނާ ޑޭޓާ ސެންޓަރުން އަހަރެއްގެ މައްޗަށް 99.982 އިންސައްތަ އަޕް ޓައިމް ނުވަތަ ޚިދުމަތް މެދުނުކެނޑީ ލިބެންހުންނަ ވަގުތު ގެރެންޓީ ލިބިގެންދާނެ ކަމަށެވެ. އަދި އަހަރެއްގެ މައްޗަށް ޑައުންޓައިމް ނުވަތަ ޚިދުމަތް މެދު ކެނޑޭ ވަގުތު 1.6 ގަޑިއިރަށްވުރެ ކުޑަވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ޑޭޓާ ސެންޓަރާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ މި ސެންޓަރުގެ ސަބަބުން މީގެކުރިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޖީކޮމް އޯޕަން އެކްސެސް ނެޓްވޯކްގެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށެޗެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ޓިއާ ތިނެއްގެ މި ޑޭޓާ ސެންޓަރުގެ ސަބަބުން ހަލުވިކަމާއެކު އެއްވެސް މެދުކެނޑުމެއްނެތި އޯޕަން އެކްސެސް ނެޓްވޯކުގެ ޚިދުމަތް ހުޅުމާލެއަށް ފޯރުކޮށްދެވޭނެއެވެ. އަދި މިފަދަ ކޮޓެއިނަރު އަދި ރެޑީމޭޑް ޑޭޓާ ސެންޓަރެއްގެ ސަބަބުން ޑޭޓާ ސެންޓަރެއް ތަރައްގީ ކުރަންދާ ވަގުތާއި ހަރަދުވެސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށާއި ޑޭޓާ ސެންޓަރު ބޮޑު ކުރުމާއި ބޭނުންވާ ތަނަކަށް ގެންދިއުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޑޭޓާ ސެންޓަރުގައި ކަރަންޓު ކެނޑޭ ވަގުތަށް ބޭނުންކުރެވޭ 80 ކިލޯވޮޓުގެ ބެކަޕް ޖެނެރޭޓަރެއް ގާއިމްކޮށްފައިވާއިރު ރިޑަންޑަންޓް ކޫލިން ސިސްޓަމަކާއި މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކަޕް ސިސްޓަމެއްގެ އިތުރުން، އަމިއްލައަށް މަަސައްކަތްކުރާ މޮނީޓަރިން ސިސްޓަމެއް އެލަރޓް މެކޭނިޒަމްއާއެކު ވަނީ ގާއިމް ކޮށްފައެވެ.
މި ސެންޓަރަކީ ތިމާވެއްޓާއި ރައްޓެހި އަދި އަލިފާން ނިޒާމެއްވެސް ޤާއިމްކޮށްފައި ހުރި ޑޭޓަރ ސިސްޓަމެއްކަމަށް ވެސް އެޗްޑީސީން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!