ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން، ތަރައްގީ ކުރި 15 ބުރީގެ ޓަވަރުގެ މަސައްކަތް ނިންމައި އިފްތިތާހުކޮށްފިއެވެ.

އެ ކުންފުނިން މި ޓަވަރަށް ދީފައިވަނީ 'މަލަސް ރެސިޑެންސް' އެވެ. މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރުއެވެ.

Ad
rt

މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރުގެ އޮފިޝްލުންވެސް ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ޤާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމުގައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ، މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ
60 އެޕާޓްމަންޓާއި، 1+2 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާކިން ޒޯނެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި 23rd މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް' އާ ހަވާލުކޮށްގެންނެވެ.

'މަލަސް ރެސިޑެންސް' ގައި ހިމެނޭ އެޕާޓްމަންތައް ލިބުނު ފަރާތްތަކާ ތަޅުދަނޑި މިހާރު ވަނީ ހަވާލުކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީ އިން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮސް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

އެމްޑަބްލިއުއެސްސީގެ ހިޔާ މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.