ބިންހެލުމުގައި މަރުވި އަދަދު 50،000 އިން މައްޗަށް

96f0460e52

މި މަހުގެ 4 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު 50،000 އިން މައްޗަށް ހިނގައްޖެ އެވެ.

ބިންހެލުން އައިތާ ތިން ހަފްތާ ވެގެން ދިޔައިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، އެންމެ ދެ ޕްރޮވިންސެއް ފިޔަވައި އެހެން ސަރަހައްދުތަކުގައި ވަނީ ހުއްޓާލައިފަ އެވެ. ސީރިޔާ އިން މަރުވި އަދަދު މުޅިން ކަށަވަރު ނުވިޔަސް، އެ ގައުމުން މަރުވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 6،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. ވެއްޓުނު އިމާރާތްތަކާއި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކާ އެކު، މި ބިންހެލުމުގައި ތުރުކީ ވިލާތުން ހަލާކުވި އިމާރާތްތަކުގެ ޖުމްލަ އަދަދު މިހާރުވަނީ 84000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ތުރުކީގެ ބިންހެލުން އައި 11 ޕްރޮވިންސްގައި ވޮލަންޓިއަރުންނާއި ރެސްކިއު ވޯކަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 240،000 މީހުން މަސައްކަތް ކުރަމުން އެބަދެއެވެ. ބިންހެލުންތަކުގެ އަސަރު ކުރި ބައެއް ސަރަހައްދުތަކަށް ފުރަތަމަ ދަތުރުކުރަން އުނދަގޫވި އެވެ.

ތުރުކީގައި އެކަނިވެސް ބިންހެލުން އައި ސަރަހައްދުން ގާތްގަނޑަކަށް 530،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާއިރު، މިހާތަނަށް 173،000 އިމާރާތް ވެއްޓިފައިވާ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރެކޯޑްކޮށްފައިވާއިރު، 1.9 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ. ތުރުކީގެ ގާތްގަނޑަކަށް 20 މިލިއަން މީހުންނަށް މި ބިންހެލުމުގެ އަސަރުކޮށްފައިވެއެވެ.

އެދުވަހު ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ދަންވަރު 4:17ގަ އެވެ. އެވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *