ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ހއ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައެވެ.

Ad
rt

މި ޕްރޮގްރާމުގައި އެ އަތޮޅު ހުރިހާ ރަށަކުން އިމާމުންނާއި ޚަތީބުން ހިމެނޭހެން ޖުމްލަ 48 ފަރާތަކުން ވަނީ ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލުގެ ރައީސް އިބްރާހީމް ރަޝީދު ވިދާޅުވެފައި ވަނީ މި ޕްރޮގްރާމުގައި އިމާމުންނާއި ޚަތީބުންނާއި ސީދާ ގުޅުންހުރި ހުރިހާ ދާއިރާއަކުން މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ޤާރީންނާއި ޝެއިޚުން ހިމެނޭހެން ކަމާއި ގުޅުންހުރި މިނިސްޓްރީގެ ޓީމެއް އެ ރަށަށް ވަޑައިގެންނެވި ކަމަށެވެ.

ރަޝީދު އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮގްރާމްގައި ނަމާދުގެ އެންމެހާ ކަންކަމާއި ގުޅުންހުރި ތަފްސީލީ މަޢުލޫމާތާއި އިމާމުންގެ އަޚުލާގާއި، މައުމޫމުންނާއިއެކު އިމާމާ ޖަމާއަތުގައި ނަމާދު ކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، އިމާމުންނަށް ހެދޭ ގޯސްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ ރަނގަޅު ގޮތްތައް ބުނެދީ ހޭލުންތެރި ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޚަތީބުން ޚުތުބާކިޔާއިރު ވިސްނަންވީ ކަންކަމާއި އަޑާއި ރާގު ގެންގުޅޭނެ ގޮތާއި، ހެދޭ ގޯސްތައް އިސްލާހުކޮށް ރަނގަޅު ކުރާނެ ގޮތް ބުނެދީ ހޭލުންތެރި ކޮށްފައިވާ ކަމަށެވެ.