ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ ޝަރީއަތް އަވަސް އަވަހަށް ބާއްވަން ނިންމުމުން ދިފާއީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ އިބްތިދާއީ މަރުހަލާ ނިންމާލައްވައިފަ އެވެ.
ގާޒީ ވިދާޅުވީ އަންނަ މާޗް މަހު ހުކުރު ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަސްތަކެއްގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ގަސްތުކުރައްވާ ކަމަށެވެ. މާޗު ނުވަ ވަނަ ދުވަހު އިފްތިތާހީ ބަޔާން އިއްވުމަށް ވަކިވަކިން އަޑުއެހުން ބާއްވައި، އެ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30އާ ހަމައަށް ޖެހިޖެހިގެން ހެކިބަސް ނެގުމުގެ އަޑުއެހުން ބާއްވާނެކަން އިއުލާން ކުރެއްވި އެވެ.
އެ ނިންމެވުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީންގެ ވަކީލު މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޔާމީންގެ ފަރާތުން ހައި ކޯޓުގައި ވެސް އިސްތިއުނާފު ކުރާ އާރަށުގެ މައްސަލަ ވެސް އޮތް އިރު، ކޮންމެ ދުވަހަކު އަޑުއެހުން ބޭއްވުމަކީ ވަކީލުންނަށް އެކަމުގެ ތަކުލީފު ބޮޑުވާނެ ކަމެއް ކަމަށެވެ.
މައްސަލަ ތާވަލުކުރަން އެދެނީ ތައްޔާރުވާން ވެސް އެކަށީގެންވާ ފުރުސަތު ލިބޭ ގޮތަށް ކަމަށާއި އަވަސްކޮށްގެން ޝަރީއަތް ކުރިއަށްގެންދާއިރު ގެއްލޭ ހައްގުތަކެއް ވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކްރިކް ރިޒާގެ ވަކީލުުނާއި ސަން ކުންފުނީގެ ވަކީލުން ވެސް މިކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން، ލައިވްކުރަން އެދިފައިވާ މައްސަލައަކަށްވާއިރު، ގާޒީ ނަދީމްގެ ސެކްޝަނުގައި ވެސް ނުނިމި މައްސަލަތައް ހުއްޓައި ފުއްގިރީގެ މައްސަލަ ވަކިން ހާއްސަކޮށް އަވަހަށް ގެންދާ ނަމަ އާންމުންގެ މެދުގައި އިންސާފުވެރިކަމާ މެދު ސުވާލު އުފެދިދާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ. .
ވަކީލުންގެ ވާހަކަތަކާ ގުޅިގެން، ގާޒީ ނަދީމް ވިދާޅުވީ އޭނާގެ ސެކްޝަނުގައި އަމަލުކުރާ ގޮތަކީ ހުރިހާ މައްސަލައެއް ވެސް ކޮންޓިނުއަސްކޮށް ގެންދަން ތާވަލުކުރުން ކަމަށެވެ. އެކަމަކު، އެކި ސަބަބުތަކާ ހެދި މައްސަލަތައް މަޑުޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މަސައްކަތް ކުރައްވަނީ އަވަހަށް މައްސަލަތައް ކުރިއަށްގެންދަވަން ކަމަށާއި، މި މައްސަލައިގައި ވެސް ތިން މަސް ފަހުން ޝަރީއަތުގެ މަރުހަލާ ފެށިގެންދާއިރު އަވަސް އަރުވައިލެވޭ ކަމަށް ގަބޫލުނުުކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި މި މައްސަލައަކީ 2020 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު މައްސަލައެއްކަން ވެސް ފާހަގަކުރެއްވި އެވެ.
ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅިގެން ގާޒީ އެދިވަޑައިގަތީ ކަންބޮޑުވުންތައް ލިޔުމުން ހުށަހެޅުއްވުމަށެވެ. އަދި އެކަންކަމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީއަތުގެ މަރުހަލާ ބާއްވާނީ ހުރިހާ އެންމެން ވެސް ކޯޓަށް ހާޒިރުވާ ގޮތަށް ކަމަށް ނަދީމް ވިދާޅުވި އެވެ. އެކަމަކު، ކޮންމެ ދުވަހަކު މާފުށިން ދަތުރުކުރައްވަން ޔާމީނަށް އުނދަގޫވެވަޑައިގަންނަވާނެތީ ބޭނުންފުޅުވާ ނަމަ އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ ޝަރީއަތުގެ މަރުހަލާ ފެށުމުން، ޝަރީއަތް ލައިވް ކުރަން އެދިވަޑައިގެންފަ އެވެ. އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!