ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ތާވަލުގެ ފުލުގައި އޮތް އެލްޗޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ފަހު ރޭ ލީގުގައި އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯއެވެ. ރެއާލްގެ ހާފުގެ މެދަކާ ހިސާބުން ލިބުނު ބޯޅަ ހިފައިގެންގޮސް ތިން ކުޅުންތެރިންގައިން ނައްޓާލުމަށް ފަހު އޭރިއާތެރެއަށް ވަދެ އޭނާ ވަނީ އެ ބޯޅަ ގޯލުގެ ދުރުކަނަށް ފޮނުވާލާފައެވެ

މެޗުގެ 15 ވަނަ މިނެޓުގައި ބެންޒެމާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ރޮޑްރިގޯ ރެއާލްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ބެންޒެމާއަށް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލަން ލިބުނު ފުރުޞަތުގައި، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ރެއާލަށް މެޗުގެ ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. ބެންޒެމާ މި ލަނޑު ޖަހާފައި ވަނީ އެލްޗޭގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން ބެންޒެމާ ވަނީ ރެއާލަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި ޕެނަލްޓީ ލިބިފައި ވަނީ އެލްޗޭގެ ޑިފެންސުން އެ ޓީމްގެ އޭރިއާތެރެއިން ރޮޑްރިގޯއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއިއެކު ބެނެޒެމާ ވަނީ ރެއާލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ދެވަނައަށް ޖެހިލާފައެވެ. ބެންޒެމާ ރެއާލަށް މިހާތަނަށް 229 ލަނޑު ޖަހައިދީފައިވާއިރު، ރެއާލްގެ ކުރީގެ ފޯވާޑް ރައުލް ވަނީ 228 ލަނޑު ޖަހާފައެވެ. މި ލިސްޓްގެ އެއްވަނާގައި އޮތީ 311 ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ޖަހައިދީފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު މިޑްފީލްޑަރ މޮޑްރިޗެވެ.

މި ނަތީޖާއާއިއެކު ރެއާލުން ވަނީ ބާސާއާއި ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ކުޑަކޮށްފައެވެ. ރެއާލް ތާވަލުގެ ދެވަނާގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 48 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް ބާސާއަށް 21 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. މެޗުން ބަލިވި އެލްޗޭ އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެ ޓީމަށް 21 މެޗުން ހޯދިފައި ވަނީ 9 ޕޮއިންޓެވެ.