ކޮޮންމެވެސް ބަޔަކު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިފި ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މަސްތުވާތަކެތި ގެންނަ ބިދޭސީން ފޮނުވާލުމާއި ގުޅޭ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ގާނޫނު އަސާސީ އާ ގާނޫނާ ހިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެ ކަމަށާއި އެފަދަ އަމުރަކަށް ވެސް ތަބާވާން ނުޖެހޭނެ ކަމަށް މަޖިލީހުގެ ޖަލްސާގައި ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގެ ބޮޑުކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ކޮންމެވެސް ދިމާލަކުން، ކޮންމެވެސް ބަޔަކު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ނުވަތަ ގާނޫނުތަކުގެ ބާރުވެސް ކަނޑުވާލައިގެންކަން އެނގޭ ކަމަށް ވިދާޅުވިއެވެ. އެހެންވީމާ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ގާނޫނާއި ގާނޫނު އަސާސީގެ ތެރެއިން ކަމަށެވެ. ގާނޫނު ނުވަތަ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަމަކާއި ހިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާނެ ކަމަށެވެ.

ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގަަވައިދާ ދެކޮޅަށް ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަަލަ ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ ތެރެއިން 24 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރެކެެވެ.