ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބާސާ މޮޅުވެފައިވާއިރު، ބާސާ އެންމެ ފަހުން ލީގުގައި ބަލިވެފައި ވަނީ މިދިޔަ ޑިސެމްބަރ މަހު ރެއާލް މެޑްރިޑް އަތުންނެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ބާސާ ކޮޅަށް ވަދެފައި ވަނީ އެންމެ ހަތް ލަނޑެވެ.

Ad
rt

މެޗުގެ ފުރަތަމަ ތިން މިނެޓްގެ ތެރޭ ލީޑު ނަގާނެ ހުސް ފުރުޞަތެއް ބާސާގެ ފޯވާޑް، ލެވަންޑޯސްކީއަށް ވަނީ ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާ ވިޔަރެއާލުގެ ކީޕަރު ޕެޕޭ ރެއިނާ ވަނީ މަތަކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 18 ވަނަ މިނެޓުގައި ބާސާއަށް ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރީއެވެ. މި ލަނޑު ޕެޑްރީ ޖަހާފައި ވަނީ ވިޔަރެއާލްގެ އޭރިއާތެރެއިން ލެވަންޑޯސްކީއާއި ޕެޑްރީ ގުޅިގެން އުފެއްދި ހަމަލާއެއްގައެވެ. މިއީ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން ޕެޑްރީ ބާސާއަށް ކާމިޔާބު ކޮށްދިން ހަތްވަނަ ލަނޑެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ވިޔަރެއާލްގެ މިޑްފީލްޑަރ ފްރެންސިސް ކޮކްލިންގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ.

ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ރަނުގެ ފުރުޞަތެއް ވިޔަރެއާލްގެ ލުއިސް މޮރާލެސްއަށް ލިބުނުއިރު، އޭނާއަށް ބާސާގެ ހާފުގެ މެދަކާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން ހުހަށް ގޮސް އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

މެޗުގެ ދެވަނަ ހާފުގައި ލެވަންޑޯސްކީ ފޮނުވާލި ބާރު ހަމަލާ ކީޕަރު މަތަކުރިއިރު، އެ ޓީމްގެ ރަފީނިއާއަށް ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފަހުބައިގައި ވިޔަރެއާލުން ލަނޑެއްޖަހަން ވަރަށް ބޮޑަށް މަސައްކަތްކުރިއިރު، އެ ޓީމުން ވަނީ މެޗުގެ 90 ވަނަ މިނެޓުގައި ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބުލުމަށް ފަހު އޮފްސައިޑް ވުމުން އެ ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

މި މޮޅާއިއެކު ދެވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ އެއްމެޗު އިތުރަށް ކުޅެ ބާސާއިން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެ ޓީމަށް ކުޅުނު 21 މެޗުން ވަނީ 56 ޕޮއިންޓް ލިބިފައެވެ. މި މެޗުން ބަލިވި ވިޔަރެއާލް މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ.