ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ލެބޯޓަރީ ތަހުލީލްތައް ހެދުމަށް ސާމްޕަލްތައް ނެގުން އައު އޯޕީޑީ އިމާރާތަށް ބަދަލުކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ބަދަލު ގެނައީ މިއަދުން ފެށިގެން ކަމަށެވެ. އަދި ސާމްޕަލް ނަގާ ގަޑިއަށްވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ސާމްޕަލް ނަގާނީ ހެނދުނު 07:30 ފެށިގެން އިރުއޮއްސި 7 ޖެހުމާއި ހަމައަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ހޮސްޕިޓަލްގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ވަނީ ޝުކުރުދަންނަވާފައެވެ.
ކޭއާރްއެޗް ގެ އައު އޯޕީޑީ އިމާރާތުގައި ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 24 ގައެވެ.
އައު އިމާރާތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހިދުމަތާއި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުގެ ހިދުމަތް ލިބޭނެއެވެ.
ކޭއާރުއެޗުގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި، އެ ހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ބަލިމީހުން ބަލާ 24 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖަރ ރޫމަކާއި އިކޯ ރޫމަކާއި އީސީޖީ ރޫމެއް ވަނީ ހަދައިފައެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ނިންމާފައިވާ މި މަސައްކަތަށް 20.2 މިލިއަން ރުފިޔާގެ ހޭދަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!