ސްޕެނިޝް ލީގުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ބަލިވުމުގެ ފައިދާ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއިން ނަގައިފިއެވެ.
ރޭ ބާސާގެ ދަނޑުގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 20 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 20 މެޗުން ލިބިފައި ވަނީ 45 ޕޮއިންޓެވެ. ބާސާ އަތުން ބަލިވި ސެވިއްޔާ މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 20 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ރެލިގޭޝަން ޒޯނާއި އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓްތެރޭ ބާސާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްގެ ކުޑަހުޅަށް އަނިޔާވެ ވަނީ ބަދަލުކޮށްފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ބާސާއިން ވަނީ ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. ލެވަންޑޯސްކީ ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށް ވެސް ސެވިއްޔާގެ ކީޕަރު ވީއިރު، ބާސާގެ އަރައުހޯ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ބާސާއިން ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މި ލަނޑު ކެސިއޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯޑީ އަލަބާއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހަށް ފަހު އަލަބާ ބާސާއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ބާސާގެ ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ރަފީނިއާ ސެވިއްޔާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ގަވީއެވެ.
ބާސާގެ ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި އަލަބާ ސެވިއްޔާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަފީނިއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!