ހިޔާ ފްލެޓުތަކުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެވެ.

Ad
rt

އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ޤާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރާނެ ކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް އެޗްޑީސީން ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.