ދުންފަތް ކެއުމަކީ ގޮހޮރުގެ އެކިއެކި ގުނަވަންތަކާއި އަނގަ މައްޗާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މެޑިކަލް އޮފިސަރ ޑރ. ސަމާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅުވައިގެން އާންމުން ހޭލުންތެރިކުރުވުމަށް ކޭއާރްއެޗް އިން އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ.

Ad
rt

އެ ވީޑިއޯގައި ކެންސަރު ބަލިން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނެސްގެން ބަދަލުކުރެވޭނެ ކަންކަމާއި ބަދަލު ނުކުރެވޭނެ ކަންކަން ވަނީ ކިޔައިދީފައެވެ.

އެގޮތުން ޑރ. ސަމާ ވިދާޅުވީ ސިގިރޭޓް ބުއިމަކީ ފުއްޕާމޭގެ ކެންސަރަށް ވަރަށްބޮޑު ރިސްފެކްޓަރ އެއް ކަމަށާއި ދުންފަތް ކެއުމަކީ ގޮހޮރުގެ އެކި ގުނަވަންތަކާއި އަނގަމައްޗާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ދުފުމާއި ސްޕާރީ ކެއުމަކީ ވެސް އަނގައިގެ ކެންސަރުގެ އިތުރުން ގޮހޮރުގެ އެކި ގުނަވަންތަކަށް ޖެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމާ ދުރުހެލިވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ހަމުގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން ވެސް އޭނާ ވަނީ ވިދާޅުވެ ދެއްވާފައެވެ.

ޑރ. ސަމާ ވިދާޅުވީ ހެނދުނު 10 އިން ހަވީރު 4 ޖަހަންދެން ޕްރޮޓެކްޓިވް މެޝަރސް ނެގިދާނެ ކަމަށެވެ. އޭގެ ތެރޭގައި އަވިއައިނު އެޅުމާއި ސަން ލޯޝަން ބޭނުން ކުރުން އެދޭ ކަމަށެވެ. އެކަމަކު ސަން ލޯޝަން ބޭނުންކުރާއިރު ވެސް ސަން ޕްރޮޓެކްޝަން ފެކްޓަރއެއް ކަމަށްވާ، އެސްޕީއެފް މާއްދާ 30 އަށްވުރެ މައްޗަށް ހުންނަ ލޯޝަން އުނގުޅުމަށް ވަނީ އިރުޝާދު ދެެއްވާފައެވެ.

މީގެ އިތުރުން ތޮފި އެޅުމަކީ ވެސް ހަމުގެ ކެންސަރު ޖެހުމުން ރައްކާތެރިވުމަށް މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ބޭނުމަކީ އިރުގެ އަލީގައި ހުންނަ ޔޫވީ ރޭޒުން ސަލާމަތްވުން ކަމަށް ވެސް ޑރ. ސަމާ ވިދާޅުވިއެވެ.

ހަމަމިއާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި އޭގެތެރޭގައި މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލި ކެއުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ. ތަރުކާރީގައި ވެސް ފައިބަރގެ މާއްދާ ހިމެނޭ ތަރުކާރީ ކެއުމަށް ވަނީ ބާރު އަޅުއްވާފައެވެ.

"ބޮޑީ ޗެކަޕްސް ހެދުން ވަރަށް މުހިންމު. މީގެ މާނއަކީ ސްކްރީނިންނޭ. އުރަމަތީގެ ކެންސަރުގެ ރިސްކު ކުޑަކުރުމަށްޓަކައި އަންހެންކުދިން އެއްވެސް ވަރަކަށް ގޮށްލާފަ ހުރިނަމަ، ނުވަތަ ގަނޑުލާފަ ހުރިނަމަ އަމިއްލައަށް ވެސް އުރަމަތި އެގްޒަމިން ކޮށްފަ އެކަހަލަ އެއްވެސްކަމެއް ފާހަގަކުރެވޭނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ޗެކްއަޕް ހެދުން މުހިންމު." ޑރ. ސަމާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަހިމުގެ ކެންސަރުން ސަލާމަތްވުމަށް 10 އަހަރުން ފެށިގެން އަންހެންކުދިން އެޗްޕީވީ ވެކްސިން ޖެހުން ވެސް ވަރަށް މުހިންމު ކަމަށެވެ.