ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކޮމްޕޮޒިޝަން ބަދަލުކޮށް ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުދެއްކިއްޔާ މާ ތާހިރުވާނެކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ރޭ މާލޭ އާތިފިޝަލް ބީޗުގައި ބޭއްވި ''ދުއްޕާން'' ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީ ރާއްޖޭގައި މިނިވަން ޝަރުޢީ ނިޒާމެއް ގާއިމު ކުރާނެ ކަމަށްބުނެ ވައުދުވެގެން ކަމަށެވެ. މިގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކޮމްޕޮޒިޝަން ބަދަލުކޮށް، އެތަނުގައި އޮތް ސިޔާސީ ނުފޫޒުން ސަލާމަތް ކުރާނަމޭ ބުނެ ވަޢުދުވިކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އެ ވަޢުދާއެކު ވެރިކަމަށް އައިސް ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު އަދިވެސް ފެނިވަޑައިގަންނަވަނީ އެ އިސްލާޙް ނުގެނެވި، ޖޭއެސްސީ އެމްޑީޕީގެ ނުފޫޒުގެ ދަށުގައި އޮތްތަންކަމަށެވެ. މިގޮތުން ޖޭއެސްސީގެ ރައީސް އަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން ކަމަށާއި، އެ ކޮމިޝަންގައި އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދާއި، އަދި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެޓާނީޖެނެރަލް އިބްރާހީމް ރިފްއަތު ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ފަސް އަހަރުގެ ދައުރު ހަމަވާއިރު ވެސް އެ ވައުދު ނުފުއްދޭއިރު، ޖޭއެސްސީ އަށް އެބަދަލު ގެންނަން ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ތިން ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި، މިގޮތުން ފުރަތަމަ ދެފަހަރުގެ ހުށަހެޅުން ސްޕަރ މެޖޯރިޓީ އޮތް އެމްޑީޕީ މެންބަރުންގެ ވޯޓުން މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިން ވަނަ ފަހަރަށް ހުށަހެޅި މައްސަލާގައި ''އަތްނުލައި'' ބާއްވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ޕީޕީއެމުން ކުރަނީ ޤައުމީ މަސައްކަތެއް ކަމަށާއި، އެއީ ޤައުމު އަނބުރާ ހޯދުމުގެ މަސައްކަތް ކަމަށެވެ.
''ޖޭއެސްސީ އިސްލާހުކުރާވާހަކަ، ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ މިމީހުން ނުދެއްކިއްޔާ މާ ތާހިރުވާނެ'' ޝިޔާމް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!