ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެއްވެސް ހާލަތެއްގައި ޕާޓީން ވަކިކޮށްގެން ނުވާނެކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަކްރަމް މިހެންވިދާޅުވީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަމާއި، ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާފައިވާ ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު، މަޖިލިސްގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ގޮވައިލެއްވުމުން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ޕާޓީން ވަކިކުރަން ގޮވައިލާ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން ޕާޓީގެ މެންބަރުންތަކެއްގެ ''ބޮލަށްއެރިގެން ކުރިންވެސްއޮތީ މުޅިއުމުރަށްމުސާރަ ލިބޭނެ މަޤާމެއް'' ހޯދާފައިކަމަށް ވިދާޅުވެފައެވެ.
''މިހާރު ނަޝީދުގެ ބޭނުމަކީ މަޖްލިސްގެރައީސްކަމުން ބާލަފާނެތީ ތިމަންނަފަހަތުގަ ޕާޓީ މެމްބަރުންތިބިކަންދެއްކުން؟ މީނަ ޕާޓީން ބޭރުކުރޭ'' މޫސަގެ ޓްވީޓްގައި ވިދާޅުވެފަވެއެވެ.
މޫސަ މިހެން ވިދާޅުވެފައިވަނިކޮށް އަކްރަމް ވިދާޅުވެފައި ވަނީ އޭނާ ގަބޫލުކުރަށްވާ ގޮތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެއްވެސް ހާލަތެއްގައި ޕާޓިން ވަކިކޮށްގެން ނުވާނެއެވެ.
އަކްރަމް މިހެން ވިދާޅުވުމުން މޫސަ ވަނީ އަކްރަމަށް ރައްދުދެއްވާފައެވެ. އަކްރަމަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައި އެހެންއެކަން ބަޔާންކޮށްފައި ނޯންނަ ކަމަށެވެ.
''އަސާސީ ގަވާއިދުގައި ނޯވޭ ތިޔަ ވާހަކައެއް، ވަކި މަޤާމެއް މީހަކު އަދާކޮށްފައިވާތީ ޕާޓީން ވަކިނުކުރެވޭނެކަމަކަށް؟ ރައްޔިތުންގެ މަޖްލީހުގެ ނައިބްރައީސް ކަމުގައި ޕާޓީގެ މެންބަރަކު ހުއްޓާވެސް ވަކިކުރި؟ ފިޔަވަޅުއަޅާ ކޮމެޓީން ތިޔަގޮތް ދެކޭނަމަ ހާދަ ފައްކާ އިންސާފެކޭތީ'' މޫސަ އެމްޑީޕީން ވަކިކުރިކުރުމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވެފަވެއެވެ.
އަކްރަމް އެހެން ވިދާޅުވެފައިވާތީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވަނީ އަސާސީ ގަވާއިދުގައި އަކްރަމް ވިދާޅުވިގޮތަށް ލިޔުން ކިހިނެތްވާނެތޯ ސުވާލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!