ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ މީހުން ބިނާކުރުމަށްޓަކައި ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީއައި އެކު ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު މަޝްވަރާކޮށްފައެވެ.
މި މަޝްވަރާގައި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރު އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް އަނީ އަދި ކަމާބެހޭ އިސް ބޭފުޅުންނެވެ.
ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީގެ ފަރާތުން މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވާސިޓީގެ ރައީސް ޑރ. ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބު ރައީސު ޕްރޮފެސަރ މާ ޝުއޯ އެވެ.
އޮންލައިންކޮށް ކުރިޔަށްގެންދިއަ މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުކޯސްތައް ހިއްގަވައި ދެއްވާނެކަމަށް ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީގެ ފަރާތުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވުމާއެކު ވާލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށް ގެންދަވާ 50 ހަށްވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައްވައި ދެއްވާނަކަން އެ ޔުނިވާސީޓީގެ ފަރާތުން ވަނީ ހާމަކުރަށްވާފައެވެ.
އެ ޔުނިވާސިޓީން ވަނީ މީގެކުރިން އެ ޔުނިވާސިޓީއިން ދިވެހިރާއްޖޭގެ 15 މީހަކު ތައުލީމު ހާސިލުކޮށްފައިވާކަން ފާހަގަކުރަށްވާފައެވެ. އަދި އެފަރާތްތަކުގެ ޚިދުމަތް ރާއްޖެއަށް ލިބެމުންދާނެކަން ފާހަގަކުރެއްވިއެވެ. މިހާރުވެސް އެ ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ 2 ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަން ފާހަގަކުރައްވަމުން އެ ޔުނިވާސިޓީން ވަނީ ކުރިޔަށް އޮތްތާގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަން ވެސް ފާހަގަކުރައްވާފައެވެ.
ސްވިޑެންގައި ގާއިމުކޮށްފައި ހުންނަ މި ޔުނިވާސިޓީ އަކީ، 1980 ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި، ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ ތެރޭގައި ހުރިކަން ފާހަގަކުރެވުމާއި ގުޅިން 1983 ވަނަ އަހަރު އައި.އެމް.އޯ އުފެއްދި ޔުނިވާސިޓީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!