މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓަ ޑިފެންޑަރ ރަފޭލް ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 29 އަހަރުގައި ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު، އޭނާ ފްރާންސް ޓީމާއިއެކު ހޯދާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ.

Ad
rt

ވަރާން ފްރާންސް ގައުމީ ޓީމަށް ކުޅެން ފަށާފައި ވަނީ 2013 ވަނަ އަހަރުއެވެ. އޭނާ ވަނީ ގައުމީ ޖޯޒީގައި ޖުމްލަ 93 މެޗު ކުޅެ ފަސް ލަނޑު ޖަހާފައެވެ.

އެންމެ ފަހުން ވަރާން ފްރާންސް ގައުމީ ޓީމަށް ކުޅެފައި ވަނީ ގަތަރުގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް ތަށި ހޯދީ އާޖެންޓީނާއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށް ވަރާން ބުނެފައި ވަނީ ފާއިތުވި ދިހައަހަރު ފްރާންސް ތަމްސީލް ކުރުމުގެ ފުރުޞަތު ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފްކަމަށެވެ.

ވަރާން އިތުރަށް ބުނެފައި ވަނީ ފްރާންސް ޖޯޒީގައި ކުޅެން ލިބުނު ކޮންމެ މެޗެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރީ ގައުމުގެ ހައްގުގައި ކަމަށާއި އޭގެއިން ކޮންމެ ހަނދާނެއް ވެސް އަބަދު އާ ކުރާނީ ފަހުރުވެރިކަމާއި އެކުކަމަށެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ވަރާން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

ފްރާންސްގެ ތަޖުރިބާކާރު ގޯލް ކީޕަރ ހޫގޯ ލޮރިސް ވެސް ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމުނުތާ ތިން ހަފްތާފަހުން، މިދިޔަ ޖަނަވަރީ މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.