ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރުކަމުންނާއި މެމްބަރުކަމުން ވަކިވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

އޭނާ ޕާޓީއެއް އުފައްދަވަން މި އުޅުއްވަނީ ޑީއާރްޕީ އުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާތީއެވެ.

Ad
rt

'ތިލަދުން' އިން ޖާބިރަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވީ ފޯނަށް ޖަވާބު ނުދެއްވާތީއެވެ.

އެހެންނަމަވެސް ބައެއް އެހެން މީޑިއާއަށް ޖާބިރު ވިދާޅުވެފައިވަނީ، އޭނާ އުފައްދަވާ ޕާޓީއަށް ކިޔަނީ ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) ކަމަށެވެ. އަދި މިއީ ސިޔާސީ ކަންކަމުގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމަށް ވެސް މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށެވެ.

ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮޔާއެކު ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އީސީ އަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން، ޑީއާރްޕީ އުވައިލުމަށް ނިންމާފައިވަނީ ގާނޫނީ އަދަދަށް ބޭނުންވާ 3،000 މެންބަރުން ހަމަނުވާތީ ކަމަށެވެ.

ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ، މެމްބަރުން ހަމަކުރުމަށް ތިން މަސްދުވަހުގެ ނޯޓިސްއެއް، ޖުލައި 2022، 25 ވަނަ ދުވަހު ދީފައިވާ ކަމަށާއި އެހެންނަމަވެސް، އެ މުއްދަތުގައި ވެސް ގާނޫނީ އަދަދަށް މެމްބަރުން ހަމަވެފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންވެ، ޑީއާރުޕީ އުވާލުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އީސީ އިން ވަނީ ވިދާޅުވެފައެވެ.

ފައިބެއަހަރުގެ ޑިސެމްބަރު 19 ގައި 'ސަންގު ޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވަނީ ޑީއާރްޕީ އުވާލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނީގެ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ދަރަންޏަށް ޒިންމާ ވާންޖެހޭނީ ދަރަނި ނެގިއިރު، އެއިރެއްގައި ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންކަމަށް ޤާނޫނުގައި ބުނާ ކަމަށެވެ. އަދި އެ ޕާޓީގެ ދަރަނީގެ މައްސަލަތައް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެމައްސަލާގައި ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.

އެކަމުގައި އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ގާނޫނުގައިވާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 3،000 މެންބަރުން ހަމަވާން ޖެހޭނެ އެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމަ އެވެ.