''މުސްކުޅި މައިންބަފައިން ސަލާން ޖަހައިގެން ކައިބޮއެ ހަދާއިރު، ދަރިން އުޅެނީ އުފަލާ އަރާމުގައި، ހިތާމަހުރި ކަމެއް''

68554081-8BDA-4992-A238-86E9D673E176

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާން ކޮށްދީފި އެވެ.

ހުތުބާގައި ބުނީ އިންސާނީ ނަސްލު ދެމިއޮތުމަށްޓަކައި މާތްﷲ މެދުވެރިކުރައްވާފައިވަނީ މައިންބަފައިން ކަމަށާއި އެހެންކަމުން މާތްﷲ އަށް އަޅުކަން ކުރުމަށް ގޮވައިލެއްވި އަމުރުފުޅާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އަމުރު ކުރައްވާފައިވާ ކަމަށެވެ.

"މުސްލިމް އަޚުންނޭވެ. ކީރިތިވަންތަ ﷲއަށް ފަހު، ތިބާގެ މައިންބަފައިންނަށްވުރެ، ތިބާއަށް ވަކިން ބޮޑު ހެޔޮކަމެއް ކޮށްދިން ދެވަނަ ފަރާތެއް ވާނެބާއެވެ. ކުޑައިރުއްސުރެ ތިބާ ބަލައި، ބޮޑުކުރީ އެ ދެމީހުންނެވެ. އެމީހުންގެ އުފަލާއި އަރާމަށްވުރެ، އިސްކަމެއް ދީފައިވަނީ ތިބާ ދުޅަހެޔޮ ސިއްހަތެއްގައި ބަލައި، ބޮޑުކުރުމަށެވެ." ހުތުބާގައި ވެއެވެ.

މީގެ އިތުރުން އެދެމީހުންގެ ތެރެއިން ވެސް ވަކިން ހާއްސަކޮށް މަންމަގެ ހައްގު ތިބާގެ މައްޗަށް ބޮޑުވެގެންވާ ކަމަށާއި ނުވަމަހާއި ދިހަ ދުވަސް ވަންދެން ވޭނުގައި ބަނޑުއަޅައި، ވިހެއުމަށްފަހު، ތިބާ ބޮޑުކުރީ އެމަންމަގެ ގާތުން ކިރުދީގެން ކަން ވަނީ ހަނދާން ކޮށްދީފަ އެވެ. އަދި ރޭގަނޑުގެ ނިންޖާއި އަރާމު ނަގައިލާ ތިބާ ގެންގުޅެ ބޮޑުކޮށްފައިވަނީ ފޮނި އުއްމީދު ތަކަކާ އެކުގައި ކަން ވެސް ހަނދާން ކޮށްދީފައި ވެއެވެ.

"މައިންބަފައިންނަށް ކަމޭހިތުން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ މި ހުތުބާގައި ދަރިންގެ މައްޗަށްވާ ބައްޕައިންގެ ހައްގު ވެސް ވަކި ކުޑަނޫން ކަން ވަނީ ހަނދާން ކޮށްދީފަ އެވެ.

އެގޮތުން އާއިލާ ބެލެހެއްޓުމަށް ބުރަ މަސައްކަތް ކުރުމާއި ދަރިންނަކީ ހެޔޮލަފާ ރަނގަޅު ބަޔަކަށް ހެދުމަށް ހޭދަކުރާ ވަގުތާއި ފައިސާއަކީ ވަރަށް އިޚްލާސްތެރި މަގުސަދެއްގައި ކުރާ ހޭދައެއްކަން ފާހަގަކޮށްފައި ވެއެވެ. އަދި މައިންބަފައިން ދަރިންގެ ކިބައިން އެދެނީ، އެމީހުންނަކީ ލަފާދާރު، ކިޔަމަންތެރި، ސާލިހު ބަޔަކަށް ވުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަމިއާއެކު މައިންބަފައިންގެ ހައްގުތައް ދަންނަ އެ ހައްގުތައް އަދާކުރާ އެބައިމީހުންނަށް އޯގާތެރި ބަޔަކަށް ވުމަށް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ﷲ ގެ ދީން ކުރިއެރުވުމަށް ޖިހާދު ކުރުމަށް ވުރެވެސް މާތްކަން ބޮޑީ މައިންބަފައިންނަށް ހިދުމަތް ކުރުން ކަން ވަނީ ހަނދާން ކޮށްދީފައެވެ.

އެހެންނަމަވެސް މިއަދު އަހަރުމެންގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކަކީ ހިތާމަހުރި މަންޒަރުތަކެއް ކަމަށާއި ބައެއް ދަރިން، އެކުދިންގެ މައިންބަފައިން އުމުރުން ދުވަސްވުމުން ދޫކޮށްލާކަން ހުތުބާގައި ފާހަގަ ކުރިއެވެ. އަދި އެމީހުން ބަލަހައްޓަން ބޭނުން ނުވާ މަންޒަރު ފެންނަކަން ވެސް ފާހަގަ ކުރިއެވެ.

އެހެންމީހުން ގާތަށް ގޮސް ސަލާންޖަހައިގެން ކައިބޮއެ އުޅޭއިރު، ދަރިން އުފަލާއި އަރާމުގައި އާއިލާއާއެކު އުފާކުރާ މަންޒަރު ފެންނަމުންދާކަން ފާހަގަކޮށް ހުތުބާގައި ބުނީ މިއީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށެވެ.

ކޮންމެ އިންސާނަކު ވެސް ދުނިޔޭގައި ލަހައްޓަވައިފިނަމަ، އުމުރުން ދުވަސްވެ، މުސްކުޅި އުމުރާ ކުރިމަތިލާން ޖެހޭނެކަން ހަނދާންކޮށްދީ ހުތުބާގައި ބުނީ ތިމާގެ ހަޔާތުގައި މަންމަ ނުވަތަ ބައްޕަ އުމުރުން ދުވަސްވެ، ލޯބޯކޮށިވެފައިވާ ހާލުގައި އެމީހުންގެ ފުށުން ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވާންވާނެ ކަމަށެވެ.

ހަމަމިއާއެކު ތިބާގެ އެއްވެސް އާރެއްބާރެއް ނެތް ދުވަހު މައިންބަފައިން އެބައިމީހުންގެ އުފަލާއި އަރާމު ގުރުބާންކޮށް ތިބާއަށް ކާންބޯންދީ ބަލަހައްޓައި، އޯގާތެރިވި ފަދައިން އެބައިމީހުންނާ މުއާމަލާތް ކުރަންވާނީ އޯގާތެރިކަމާއެކުގައި ކަމަށް ވެސް ހުތުބާގައި ވަނީ ހަނދުމަކޮށްދީފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި