ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި އެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ރޭ ދިއްދޫގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު އެވެ.

Ad
rt

މިރަސްމިއްޔާތުގައި ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށުކައުންސިލްތަކުގެ އިސްވެރިންނާއި ދިއްދޫގައި ހުންނަ ސަރުކާރު މުވައްސަސާތަކުގެ ވެރިންގެ އިތުރުން ހއ އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި އެކި ދާއިރާތަކުން ހއ. އަތޮޅުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތެރީންގެ އަގުވަޒަންކޮށް އިނާމު ދީފައިވެއެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގައި މިފަހަރު ހިމެނެނީ ޝަރަފުވެރިކަމުގެ އިނާމު، ހިތްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ޚާއްޞަ އިނާމު، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު، ޚާއްޞަ ޚިދުމަތުގެ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި ހއ. އަތޮޅު ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާ ދަރިވަރުންނާއި އަތޮޅަށް އެންމެ ޚިދުމަތްތެރި ރިސޯޓާއި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކްލަބް ޖަމިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ނަމުގައި ހއ. އަތޮޅު ކައުންސިލުން ދެމުންގެންދާ އިނާމެކެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދިވަޑައިގެންނެވުމާއި އެއްގޮތަށް ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، މިއިސްލާހުތަކާއިއެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގަން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ގޮސްފައިވީނަމަވެސް، މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވައިގެން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

”ޤާނޫނަށް ގެންނަ ބަދަލުތަކާއެކުގައި، އަންނަ އަހަރު ވެގެންދާނީ ކައުންސިލްތައް މާލީގޮތުން ތަނަވަސްކަން އިތުރުވެގެންދާނެ އަހަރެއްގެ ގޮތުގައި. އެއާއެކު ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވާނެކަން ކަށަވަރު،“

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.