ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް ހިފަހައްޓައިފި އެވެ.
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ހަތް ބޯޓު ފެނިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު "އަސުރުމާ – 3" ނަމަކަށްކިޔާ މަސްދޯންޏަކުން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި ހިއްސާކުރުމުން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި މި ބޯޓުތައް ހިފަަހައްޓާފައި ވަނީ މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި މި ބޯޓުތަކުގެ ތެރެއިން ދެބޯޓެއް ހިފަހައްޓާފައި ވަނީ ދާއަޅައިގެން މަސްވެރިކަން ކުރަމުންދަނިކޮށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގެ ބެލުމުގެ ދަށުން މި ހަތް ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން މި ހާދިސާ ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!