ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދިއްދޫގައެވެ. އެގޮތުން މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަވީރުގައި، ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓުން ކެރެކްޓަރ ތައް ހަރަކާތްތެރި ވެފައިވެއެވެ.
މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ރޮބޯމޭންގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަވީރަށް 1000 އަށް ވުރެ ގިނަ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ގިނަ އަދަދެއް އާންމުންވެސް ޒިޔާރަތްކޮށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ދިއްދޫގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު، ރަށުގެ އެކި ސަރަހައްދުތަކަށް އުކާލާފައިހުރި ޕްލާސްޓިކް ނަގައި ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ރަށުގެ އެކި ސަރަހައްދުތަކަށް އުކާލާފައިހުރި ހުރިހާ ޕްލާސްޓިކް ނަގައި މުޅިރަށް ސާފުކޮށްފައިވެއެވެ، މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. އަދި ރަށުގެ ކޮންމެ ގޭބިސީއަކަށް ރީ ޔޫސަބަލް ބޭގެއް ހަދިޔާ ކޮށްފައިވެއެވެ.
މީގެ އިތުރުން މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ހަވީރު ކަލަރ ރަން ގެ ނަމުގައި ދުވުމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ދުވުމަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ދިއްދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބިލްބޯޑު އިފްތިތާހު ކުރުމުގެ ހަރަކާތެއް މި ނޮވްމެބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މި ބިލްބޯޑު ތަކުގައި، ކުޑަކުދިންނަށް ލިބެމުންދާ އެކި ކަހަލަ އަނިޔާ ތަކާއި އެ އަނިޔާތަކުން އެކުދިން ސަލާމަތްކުރުމަށް ތަފާތު މެސެޖުތައް ލިޔެފައިވެއެވެ. އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ފަރުދީ އަދި އިޖްތިމާއީ ޒިންމާ އަކަށް ހެދުމާއި ކުޑަކުދިންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމުކޮށް ދިނުމަށް މެސެޖްތައް ދީފައިވެއެވެ.
މީގެ އިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި، އެކުދިންގެ ހައްގު ތަކަކީ ކޮބައިކަމާއި ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް އެ ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މައިންބަފައިންނާއި، މުދައްރިސުންނާއި، ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިހްތިރާމްކޮށް ރިވެތި ބަހުން މުއާމަލާތު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސްކޫލާއި ބޭރުތެރޭގައި ވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހްތިރާމް ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އަދި ގަނާކުރުމަކީ ކޮބައިކަމާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އެމައްސަލަ ހައްލުކުރާނެ ގޮތާއި ގަނާ ކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގަނާގެ ޝިކާރައަށްވާ ކުދިން އެކަމުން ދުރުހެލިކޮށް އެ ކުދިންނަށް އެހީތެރިވެދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ކުޑަކުދިންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އާންމު ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމްއިއްޔާތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 8779 މީހުން ބައިވެރިވެފައިވެއެވެ. އަދި އެ ހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވަނީ އެ ހުރހާ ފަރާތެއްގެ އެއްބާރުލުމާއި އެހީތެރިކާއެކުގައެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް މި ނޮވެމްބަރު މަހުގެ 15 އިން 20 އަށް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ މިހަރަކާތްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނާއި، އަރކްގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި، ޖަމްއިއްޔާތަކާއި ހއ. އަތޮޅު ކައުންސިލާއި އެ އަތޮަޅުގެ ރަށު ކައުންސިލުތަކާއި، އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާ ތަކާއި، އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.





ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!