ސްޕެނިޝް ލަލީގާގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ވިޔަރެއާލުން ކާމިޔާބު ކޮށްފިއެވެ.

މިރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

ރެއާލް އަތުން ވިޔަރެއާލް މިރޭ މޮޅުވިއިރު، މިއީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު ރެއާލް އަތުން އެ ޓީމަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. އެ މުއްދަތުގައި މި ދެ ޓީމް ޖުމްލަ ނުވަ ފަހަރަކު ބައްދަލު ކޮށްފައިވެއެވެ.

މިރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވީ ނަމަވެސް، ރެއާލަށް ވުރެ ވިޔަރެއާލް ފެނުނީ ނުރައްކާ ކޮށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ވިޔަރެއާލުން ލަނޑެއް ޖެހުމާއި ދާދި ކައިރިއަށް ދިޔައެވެ. ރެއާލުގެ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްވީ ބޯޅަ ވިޔަރެއާލްގެ ފްރެންސިސް ކޮކްލިން ފޮނުވާލިއިރު އެ ބޯލަ އަމާޒުވެފައި ވަނީ ރެއާލްގެ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ވެސް ވިޔަރެއާލުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ޓީމްގެ ޔެރެމީ ޕިނޯ ފޮނުވާލި ހަމަލާ މަތަކޮށްފައި ވަނީ ރެއާލްގެ ކީޕަރު ކޯޓުއާއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ވިޔަރެއާލުންނެވެ. މި ލަނޑު ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ ޖެރާޑް މޮރޭނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޔެރެމީ ޕިނޯއެވެ.

ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ އެ ޓީމުން އުފެއްދި އެޓޭކެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭ ވިޔަރެއާލްގެ ޑިފެންޑަރ ހުއާން ފޮއިތުގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނަލްޓީންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. މިއީ ބެންޒެމާ ރެއާލަށް ޖަހައިދިން 227 ވަނަ ލަނޑެވެ. މި ލަނޑާއިއެކު އޭނާވަނީ ރެއާލަށް ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ހަވަނައަށް ޖެހިލާފައެވެ. ހަވަނާގައި 227 ލަނޑު ޖަހައިގެން ބެންޒެމާގެ އިތުރުން ދެން އޮތީ އެ ޓީމްގެ ލެޖެންޑް ޑި ސްޓެފާނޯއެވެ.

ރެއާލުން ނަތީޖާ ހަމަހަމަ ކުރިތާ ކުޑަ އިރުކޮޅެއްފަހުން ވިޔަރެއާލުން އުފެއްދި އެޓޭކެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި އަލަބާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ވިޔަރެއާލަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ވިޔަރެއާލަށް ދެވަނަ ފަހަރަށް ލީޑު ހޯދައި ދީފައި ވަނީ މޮރޭނޯއެވެ. އޭގެ ފަހުން ވެސް ލީޑު ފުޅާ ކުރާނެ ރަނގަޅު ފުރުޞަތުތަކެއް ވިޔަރެއާލަށް ވަނީ ލިބިފައެވެ.

މި މެޗުން މޮޅުވެގެން ވަގުތީ ގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލެވެން ރެއާލަށް އޮތެވެ. ނަމަވެސް މި މެޗުން ބަލިވުމުން އެއްވަނާގައި އޮތް ބާސާއަށް ވުރެ އެއްމެޗު އިތުރަށް ކުޅެ ދެ ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ރެއާލް އޮތީ މިވަގުތު ތާވަލުގެ ދެވަނާގައެވެ.

ބާސާއަށް 15 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 16 މެޗުން ވަނީ 38 ޕޮއިންޓް ލިބިފައެވެ. މާދަމާރޭ ބާސާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ.