ހދ. ކުޅުދުއްފުށި ސިޓީގައި މި ސަރުކާރުން ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ސުލޯކަމަށް ވިދާޅުވެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރެއްވުމަށް ނިންމަވައިފި އެވެ.

ޔާސިރު މިކަން އިޢުލާން ކުރެއްވީ މިއަދު މީސްމީޑިޔާގައި ރައީސް ނަޝީދުގެ ޕޮޓޯއެއް ހިއްސާކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

މި ފާއިތުވެދިޔަ 4 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ކުރިއެރުމަށް އަދި ހާއްސަކޮށް ކުޅުދުއްފުށީގެ ތަރައްޤީއަށް އަދުގެ ސަރުކާރަށް ދޭން ޖެހުނު ހުރިހާ އެއްބާރުލުމެއް ވާނީ ދެވިފައިކަމަށާއި އެހެންނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން ކުޅުދުއްފުއްޓާއި މެދު ފެނިފައި ވަނީ ވަރަށް ގަޔަށް ދޫ ސިޔާސަތެއްކަމުގައި ޔާސިރު ވިދާޅުވެފައިވެއެވެ.

"އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023 ގައި ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންގޮސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރުމަށް ނިންމައިފިން. ރައީސް މުހައްމަދު ނަޝީދަކީ ވިސްނުމާއި، އިލްމާއި ހިލްމު އަދި ބުންވަރާއި، ހިތްވަރި ހުރި ހަމައެކަނި ސިޔާސީ ލީޑަރު"

މީސްމީޑިޔާގައި ޔާސިރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޔާސިރު ވިދާޅުވެފައިވަނީ، ރައީސް މުހައްމަދު ނަޝީދަކީ ވިސްނުމާއި، އިލްމާއި ހިލްމު އަދި ބުންވަރާއި، ހިތްވަރަށް ބެލިކަމުގައި ވިޔަސް ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމުގަ އެވެ.

ޔާސިރު ވަނީ މީގެ ކުރިން ރައީސް ސާލިޙްގެ ކެންޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ ވަރަށް ވާދަވެރިކޮން ފެންނައިރު، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު އާއި އެމްޑީޕީގެ އިސް ލީޑަރު، ރައީސް ސާލިޙް ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިކުރިއަށް ގެންދަވަމުންނެެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި ޖެނުއަރީ މަހުގެ 28ގަ އެވެ.