ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ "ސާއްބަ އެނިވާސަރީ ކަޕް 2022" ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރިއަލް ސްޓާސްއާއި އަހުލީ މިއަދު ނުކުންނައިރު، ދެ ޓީމްގެ ކޯޗުން ވެސް ބުނަނީ މިއީ އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

ފައިނަލް މެޗާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން އަހުލީގެ ކޯޗް މުޙައްމަދު ޚާލިދު ބުނެފައި ވަނީ ފައިނަލް މެޗަށް މިއަދު ނުކުންނައިރު އަނިޔާގެ ކޮންމެ ވެސް ވަރެއްގެ މަސަލަތަކެއް ޓީމްގައި ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި މި މެޗަށް ޓީމް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

Ad
rt

އޭނާ އިތުރަށް ބުނެފައި ވަނީ ޓީމްގެ ފޯވާޑް ލައިންގައި ހިމެނޭ މުހިންމު އެއް ކުޅުންތެރިއަކު މާދަމާ މެޗުގައި ނުފެންނާނެ ކަމަށާއި، ނަމަވެސް ދެން ޓީމްގައި ހިމެނޭ ހުރިހާ ކުޅުތެރިން މާދަމާ މެޗުގައި ބޭނުން ކުރެވޭ ހާލަތުގައި ތިބިކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ފައިނަލް މެޗުގައި އިދިކޮޅުން ނުކުންނަ ރިއަލް ސްޓާސްއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި ވުމާއިއެކު މިއަދުގެ ފައިނަލް މެޗަކީ ހުރިހާ ގޮތަކުން ވެސް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

ސާއްބަ ކަޕްގެ ޗެމްޕިއަންކަން މިހާތަނަށް އަހުލީއަށް ހޯދިފައިނުވާއިރު، މިއަދު މެޗު ކާމިޔާބުކޮށް ތަށި ހޯދައި ޗެމްޕިއަނުންނަށް ވުމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ފައިނަލް މެޗާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން ރިއަލް ސްޓާސްގެ ކޯޗް ނޫރުﷲ ޠާހާ ބުނެފައި ވަނީ ޓީމްގައި އަނިޔާގެ މައްސަލަތައް އެބަހުރި ކަމަށާއި މިގޮތުން މިއަދުގެ މެޗުގައި ފަހަތަށް ކުޅޭ މުހިންމު ދެ ކުޅުންތެރިއަކު ނުފެންނާނެ ކަމަށެވެ.

ފައިނަލް މެޗަށް ނުކުންނަނީ މެޗު ކާމިޔާބު ކުރުމުގެ ފުރިހަމަ އިތުބާރާއި އެކުގައި ކަމަށާއި، ނަމަވެސް އަހުލީއަކީ މި މުބާރާތުގައި ވެސް ކުޅުންތެރިންގެ ގޮތުން ފެނުނު އެންމެ ފުރިހަމަ ޓީމް ކަމަށްވެފައި، އެ ޓީމާއި ދެކޮޅަށް ފައިނަލް މެޗުގައ ކާމިޔާބު ހޯދުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ގޮތުގައި ރިއަލް ސްޓާސްއިން ނުދެކޭ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ސާއްބަ ކަޕްގެ ޗެމްޕިއަންކަން ރިއަލް ސްޓާސްއިން މީގެ ކުރިން ވަނީ ދެ ފަހަރު ހޯދާފައެވެ.

ރިއަލް ސްޓާސްއާއި އަހުލީ ބައްދަލުކުރާ މުބާރާތުގެ ފައިނލް މެޗު މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ.